ދުނިޔެ

އަފްގާނުގައި ދިން ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ

އަފްގާނިސްތާނުގެ އިރުމަތީގައި ޕާކިސްތާނު ބޯޑަރާއި ކައިރީގައި އޮންނަ ކުނާރު ޕްރޮވިންސްގެ އަވަށެއްގައި މިއަދު ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްދީ 11 މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި އަފްގާން އަސްކަރިއްޔާގެ ލީޑަރެއްވެސް ވަނީ މަރާލާފަ އެވެ.

އެ ޕްރޮވިންސްގެ ގަވަރުނަރު ވާހިދުﷲ ކަލިމްޒާއީ ވިދާޅުވީ މިހަމަލާދީފައިވަނީ ސައިކަލެއްގައި އެޕްރޮވިންސަށް ވަތް މީހެއްކަން މިހާތަނަށް ހިންގުނު ތަހުގީގުތަކުން އެނގޭ ކަމަށެވެ. މިހަމަލާގައި 40 މީހުން ޒަހަމްވެފައިވެ އެވެ.

މަރުވި މީހުންގެ ތެރޭގައި ގިނައީ އާއްމު ރައްޔިތުންނާއި ކުޑަކުދިންނެވެ. މިހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ.

އަފްގާނުގައި ދޭ މިފަދަ ޖާނުން ފިދާވުމުގެ ހަމަލާތައް އިތުރުވާއިރު މިދިޔަ އަހަރުވެސް ދާހިލީ ހަނގުރާމަތަކުގައި މަރުވި މީހުންގެ އަދަދު ވަނީ ރިކޯޑު އަދަދަކަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު 11،002 މީހުން މަރުވެފައިވެ އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މިހާތަނަށް 59،000 މީހުންނަށްވުރެ ގިނަ މީހުންނަށް އަފްގާން ދާހިލީ ހަނގުރާމައިގައި އަނިޔާ ލިބިފައިވާ ކަމަށް ޔޫއެންގެ ރިކޯޑުތަކުން ދައްކަ އެވެ.