މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ގަވައިދު ހަދައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާލައި ގަވައިދެއް ހަދައިފި އެވެ.

މި ގައިވައިދު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރާކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ގަވައިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިހްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގައި އާއި މަސައްކަތް ކުރުމުގައި މަސައްކަތު މާހައުލުގައި ހަމަހަމަކަން ހޯދައިދިނުމާއި، އެމީހުންނާ މެދު ތަފާތުކުރުުންތައް ގެންގުޅުން މަނާކުރުމާއި، ވަޒީފާ ދޭ ފަރާތުން އެމީހުން މަސައްކަތް ކުރާނެ ފަދަ މާހައުލެއް ގާއިމުކޮށްދީ އެމީހުން މަސައްކަތުގެ މާހައުލުގައި ޝާމިލްކުރެވޭނެ ގޮތަށް އުސޫލު ކަނޑައެޅުމެވެ.

މި ގަވާއިދުގެ ދަށުން ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވަޒީފާ ދޭ ފަރާތްތަކުން ކަމާ ބެހޭ ވުޒާރާއިން އެކުލަވާލާ މިންގަނޑުގައިވާ ކަންކަން ފުރިހަމަކުރަން ޖެހެ އެވެ. އަދި ވަޒީފާ ދިނުމަށް ތައްޔާރުވެފައިވާ ތަންތަން ކަމަށް ބަލާނީ އެމީހުން ބޭނުންވާ ސަބަބުވެރި ބަދަލުތައް ހަމަޖައްސައިދެވޭ، އެތަނުގެ މުވައްޒަފުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ އެކު މަސައްކަތް ކުރަން ބޭނުންވާ ތަމްރީން ފުރިހަމަކޮށްފައިވާ އިދާރާއަކަށް ވެފައިވާނަމަ އެވެ.

ޖުމްލަ 10 ބާބުގެ މައްޗަށް އެކުލަވާލާފައިވާ މި ގަވާއިދުގައި 36 މާއްދާ ހިމަނާފައިވެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭނަމަ ނުވަތަ ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ގަވައިދުގައިވަނީ ފަހިކޮށްދީފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 މީހެއް ހިމަނާފައިވެ އެވެ.

މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ ނުވަވަނަ ހަފުތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަމެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.