ސިއްހަތު

24 ގަޑިއިރުގެ ތެރޭގައި އިމަޖެންސީގައި މީހުން އުފުލަން ތިން ދަތުރު

ފަރުވާއަށް މާލެ ގެނައުން ލަސްވި ކުއްޖާގެ މަރަށްފަހު ކުއްލި ހާލަތުގައި ބަލިމީހުން އުފުލަން ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އިމަޖެންސީގައި މީހުން އުފުލުމަށް ތިން ޗާޓަރު ފްލައިޓް ދަތުރުކޮށްފި އެވެ.

ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި އެރަށު ޕެންޒީއާގެ މުހައްމަދު ޖާހު ހާލިދު (13އ) މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފަ އެވެ.

ރައީސްގެ އެންގެވުމުގައި ވަނީ ބަލި ހާލަތެއް މެދުވެރިވެގެން އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީއެންމެ އަވަހަށް ބަލިމީހާ ގެނައުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށްވެސް އެދިވަޑައިގެންފަ އެވެ.

މޯލްޑިވިއަން އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިމަޖެންސީގައި މީހުން އުފުލުމަށް ކުރި ދަތުރުތަކުގެ ތެރޭގައި ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މާލެ ގެނައުމަށް ކުރި ދަތުރު ހިމެނެ އެވެ.