ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލް އަކުން ގުޅާލުމަށް ނިންމައިފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަން މިރޭ އިއުލާންކުރެއްވީ މާލޭގެ މޭޔަރާއި މާލޭގެ އިތުރު ކައުންސިލަރަކު ހޮވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލެ އާއި ރަސްމާލެ ގުޅާލުމަށްޓަކައި ފަންނީ އަދި "އިނޮވޭޓިވް" މަސައްކަތްތަކެއް ވަނީ ފެށިފަ އެވެ. އަދި އެކަމުގައި މަޝްވަރާކުރަނީ ވަރަށް ގާބިލް ކުންފުނިތަކަކާ ކަމަށާއި މި ބިޔަ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ އިރާދަކުރެއްވިއްޔާ އަންޑަވޯޓާ ޓަނަލް މާލެ އިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް [އެބަކުރަން]،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އަންޑަވޯޓާ ޓަނަލް ހެދުމުން ޓަނަލްގައި ދަތުރުކުރުމަކީ ހިތްފަސޭހަ ކަމެއް ކަންވެސް ސިފަކޮށްދެއްވާފަ އެވެ.
"އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރޭންގެ ސަބަބުން ޓްރޭންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލް އަކުން ގުޅާލުމަކީ މީހުން ދަތުރުކުރަން ފަސޭހަ ކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއެއްގެ އިތުރުން ޓޫރިޒަމާ ވެސް ގުޅޭ މަޝްރޫއަކަށް ވާނެ ކަމަށެވެ. މިމަޝްރޫއާ އެކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމުގައި ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާމު ލިންކު އެޅިފައި އޮންނަ ގުޅިފައިވާ ތަންތަނުގައި މާލެ ސަރަހައްދުގައިވެސް މީހުން ދިރިއުޅޭނީ. އާދެ މިމަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ސިޔާސީ ވާދަވެރިންނަށް ރައްދުދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުން ކުރާނީ 'ދެކޮޅުޖެހޭ" މަސައްކަތް ކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން އެ ތަނުގައި "ރަސްމާލެ"ގެ ނަމުގައި އެންމެ ޒަމާނީ ފެންވަރުގެ ސިޓީ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ.
ރަސްމާލޭގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށާއި އެތަނުގައި 30،000 ހައުސިން ޔުނިޓް އެޅުމަށް ޗައިނާއާ އެކު ސޮއިކޮށްފައިވާ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ.
ރަސްމާލެއިން 1،150 ހެކްޓަރުގެ ބިން ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދިގު މުއްދަތަށް ދީގެންނެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ސީއެމްސީސީއަށް ބިން ދެނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި ރަސްމާލެ އިންނެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން 10 ހެކްޓަރުގެ ބިން ދީފައިވާއިރު ރަސްމާލެ ހިއްކާ ނިމުމުން އެތަނުން 60 ހެކްޓަރުގެ ބިން ދޭން ވަނީ ނިންމާފަ އެވެ.