ޑރ. މުހައްމަދު މުއިއްޒު

ރައީސާއި ވަޒީރުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފޯރަމްތަކެއް ބާއްވަނީ

ކޮންމެ ތިން މަހުން އެއް މަހު އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ފޯރަމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި ދެއްވުމަކީ އެމަނިކުފާނުގެ ވައުދަކަށްވާތީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ އަމާޒުގައި ފަށާ ދަތުރުތައް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށެވެ.

"ވަގުތު ލިބޭ ވަރަކުން ހަމަ ވަރަށް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް ނިންމާނަން. އަދި އެކަން ތަކުރާރުކޮށް އިރާދަކުރެއްވިއްޔާމު ވަގުތުވީ ވަރަކުން ކުރިއަށް ގެންދާނަން. މާލޭގައިވެސް ވީވަރަކުން މާލޭގެ ރައްޔިތުންނާވެސް ބައްދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނާ ބައްދަލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުން ކަމަށެވެ. އެގޮތުން ކޮންމެ ދެ މަހަކުން ވަޒީރުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްޓަކައި ފޯރަމްތަކެއް ބާއްވާނެ ކަމަށާއި އެ ފޯރަމްތަކުގައި ރައްޔިތުންނަށް ބޭނުންވާ ކަމެއް ސާފުކުރުމަށް ސުވާލުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. މީގެ ފުރަތަމަ ފޯރަމް އަންނަ ހަފްތާ ތެރޭގައި ކުރިއަށް ގެންދާނެ ކަމުގައިވެސް ރައީސް ވަނީ ހާމަކުރައްވާފަ އެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން [ސުވާލު] ކުރުމުގެ ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާޒް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް އަޅުގަނޑުމެން މިދެންނެވި ދެމަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ތިން މަހަކުން އެއް މަހު އެމަނިކުފާނުވެސް ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރަން ފުރުސަތު ދެއްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ފުރަތަމަ ފޯރަމް އަންނަ މަހު ބާއްވާނެ ކަމަށްވެސް މިރޭ އިއުލާންކުރެއްވި އެވެ.

"އެހެންވީމާ މިގޮތަށް ރައްޔިތުންނާ ގާތުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ،" ރައީސް ވިދާޅުވި އެވެ.