މާލޭގެ މަޖީދީ މަގަށްވާ ގޮތަށް ހުންނަ ޒިކްރާ މިސްކިތް ހުރި ބިމުގައި އާ މިސްކިތެއް އެޅުމަށް ކުރިންވެސް އެ މަސައްކަތާ ހަވާލުވި ކުންފުނި -- އެސްޖޭއާ ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އެސްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް އެވެ.
އެސްޖޭގެ އަމިއްލަ ހަރަދުގައި ޒިކްރާ މިސްކިތް އެޅުމަށް ހަމަޖެހިފައިވަނީ ތިން ބުރި އަށެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭއާ އެންމެ ފުރަތަމަ ހަވާލުކުރީ ޖުލައި 9، 2018 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދަން ނިންމާފައި އޮތް އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު ޒިކްރާ މިސްކިތް އެޅުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އޮތީ އެސްޖޭ އަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާވެސް ދޫކޮށްފަ އެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ބޮޑެތި މައްސަލަތަކެއް އުފެދި ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ޒިކްރާ މިސްކިތް އެޅުމަށް އެސްޖޭއާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލްކޮށްފަ އެވެ. މިކަމާ ގުޅިގެން އެސްޖޭ އިން ވަނީ އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާވެސް ކޮށްފަ އެވެ. އަދި އިކުއިޓީގެ ގޮތުގައި އެސްޖޭއަށް ޔާމީންގެ ސަރުކާރުން ދޫކުރި ފައިސާ ހޯދުމަށް ދައުލަތުންވެސް ދައުވާ ކުރި އެވެ. އެކަމަކު ފަހުން ދެ ފަރާތުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ޒިކްރާ މިސްކިތުގެ ބަދަލުގައި ހުޅުމާލޭގައި އެސްޖޭގެ ހަރަދުގައި މިސްކިތެއް އެޅުމަށް ރައީސް ސޯލިހްގެ ވެރިކަމުގައި އެސްޖޭއާ އެކު އެއްބަސްވުމެއްގައި އޮތީ ސޮއިކޮށްފަ އެވެ. އަދި ޒިކްރާ މިސްކިތް ހުރި ބިމުގައި 500 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެސްޖޭ އިން ވަނީ އަޅައިދީފަ އެވެ.