ދުނިޔެ

ޣައްޒާ ހަނގުރާމާގައި މަރުވި މީހުންގެ އަދަދު 25،700 އަށް

ފަލަސްތީންގެ ޣައްޒާއަށް އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 25،700 ފަހަނަ އަޅަފި އެވެ.

މިއީ ރަސްމީ އިދާރާތަކުން ގުނައި ހިސާބުޖެހުމަށް ބޭނުންކުރާ އަދަދުތަކެކެވެ. މާނަ އަކީ މަރުވި މީހުންގެ އަދަދު މިއަށްވުރެ ގިނަވާނެ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުން ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރުވަމުންނެވެ.

ހަނގުރާމަވެރިން އުޅޭ ތަނެއް އަދި އާންމުން ދިރިއުޅޭ ތަނެއް ނުބަލައި ޔަހޫދީ ޒަޔަނިސްޓުން ދެމުންގެންދާ ހަމަލާތަކުގައި ގިނައިން މަރުވަނީ ވެސް އާންމުންނެވެ.

އެކިވަރުގެ ޒަޚަމްތަކާ އެކު ހަނގުރާމާގައި ގެއްލުން ލިބުނު މީހުންގެ އަދަދު 63،740 އަށް ވުރެ އިތުރު ކަމަށް ވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީން މިހާރު ބޮޑަށް ވިސްނަނީ ހަމާސްއާ ހަނގުރާމަކުރުމަށް ވުރެ އާންމުން މަރައި ހުސްކުރުމަށެވެ.

އިޒުރޭލުގެ ނިޔަތަކީ ފަލަސްތީންގެ ނަސްލު ނައްތާލުން ކަމަށް ބުނެވެނީ އަހޫދީ ހަނގުރާމަވެރިން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުރި ގޮތުންނެވެ.

ޔަހޫދީން ދެކޭ ގޮތުގައި މުޅި ޣައްޒާ އަކީ ހަނގުރާމައިގެ މައިދާނެކެވެ. މިހެންކަމުން ޣައްޒާގެ ކޮންމެ ރައްޔިތަކީ ސައްހަ އަމާޒެއް ގޮތުގައި ޔަހޫދީން ދެކެ އެވެ.

ޔަހޫދީ އާބާދީތަކަށް ހަމާސް އިން އަރައިގަނެ ދިން ބިރުވެރި ހަމަލާތަކާ ގުޅިގެން ޔަހޫދީންގެ މުޅި އަސްކަރިއްޔާ މިހާރު އޮތީ ހަމާސްއާ ދެކޮޅަށް ނުކުމެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ މީހުންގެ ސިފައިންނަށް ތައުރީފްކުރައްވައި ވިދާޅުވީ ހަމާސްގެ ހަނގުރާމަވެރިއަކު މުސަޅު ހަރެއްގައި އޮތް ނަމަވެސް ދަމާ ނެރޭނެ ކަމަށެވެ.

ހަމާސްގެ ހަނގުރާމަވެރިން ނައްތާލަން ކަމަށް ބުނެ ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުގައި -- ހަމާސްއަށް ލިބޭ ގެއްލުމަށް ވުރެ ފަލަސްތީންގެ ނިކަމެތިންނަށް ބޮޑު ގެއްލުމެއް ލިބެ އެވެ.

ޣައްޒާގެ ރައްޔިތުންނަށް މިހާރު އޮތް ބިރަކީ -- ހަނގުރާމައިން ފިލަން ދުވި ނަމަވެސް، ބަނޑުހައިހޫނު ކަމާއި، ބަލިމަޑުކަމެވެ.

ޣައްޒާށް ބޭނުންވާ ކާނާ އާއި ބޭސްފަރުވާ ވެއްދުމަށް ހުރި ހުރަސްތަކާ ހެދި ޣައްޒާގެ ބޮޑު އާބާދީއެއް ވަނީ ހާލުގައި ޖެހިފަ އެވެ.