ދުނިޔެ

އެމެރިކާއިން ޒަމާނީ ފައިޓަރު ޖެޓުތައް އިޒްރޭލަށް

އިޒުރޭލަށް ހަތިޔާރު ވިއްކުމަށްޓައި އެމެރިކާއިން އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން އެފް35 އަދި އެފް15ގެ ފައިޓަރު ޖެޓުތައް -- އެމެރިކާ އިން އިޒުރޭލަށް ވިއްކާނެ އެވެ.

އެމެރިކާއިން އިޒުރޭލަށް ހަތިޔާރު ވިއްކުމާ ދެކޮޅަށް އެމެރިކާގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ދެކޮޅުހަދަމުންދާ ދަނޑިވަޅެއްގައި އަދި ޣައްޒާ ހަނގުރާމަ ހުއްޓާލަން މުޅި ދުނިޔެ ގޮވަމުން ދަނިކޮށް -- އިޒުރޭލަށް ހަތިޔާރު ވިއްކުމަށް އެމެރިކާ އެއްބަސްވުމުން، ސުލްހައަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ މާޔޫސްވެފަ އެވެ.

މި މަޝްވަރާތަކުގައި ބައިވެރިވި ޔަހޫދީ އޮފިޝަލަކު ބުނި ގޮތުން އިޒުރޭލަށް ހަތިޔާރު ނުވިއްކައި އެމެރިކާއަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.

އިޒުރޭލުގެ ދިފާއީ ވުޒާރާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލަކުވެސް ވަނީ މިއީ ހަމަޖެހިފައި އޮތް ޑީލެއް ކަމަށް ބުނެފަ އެވެ.

އެމެރިކާއިން އިޒުރޭލަށް ވިއްކާ އަސްކަރީ އާލާތްތަކުގެ ތެރޭގައި ފައިޓަރު ޖެޓުތަކުގެ އިތުރުން އަސްކަރީ ޑްރޯނާއި ހެލިކޮޕްޓަރު، ބޮން އަދި ބާރުގަދަ އުންޑަވެސް ހިމެނެ އެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ޔަހޫދީ އާބާދީތަކަށް އަރައިގަތުމާ ގުޅިގެން އެމެރިކާ އިން ވަނީ އިޒުރޭލުގެ ދިފާއުގައި އޮންނާނެކަން ކަށަވަރުކޮށްދީފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން އިޒުރޭލަށް ހަތިޔާރު ވިއްކަނީ ލުބްނާންގައި ތިބި ހިޒްބުﷲ ޖަމާއަތަށް ހަމަލާދޭން ޖެހުނު ނަމަވެސް އިޒުރޭލުން ހަތިޔާރު ހުސްނުވާ ވަރަށެވެ.

މިއީ ހަބަރުތަކުން އެނގޭ ގޮތުން އެމެރިކާއާ އިޒުރޭލުގެ އޮފިޝަލުންނާ ދެމެދު ވަރަށް ރަނގަޅަށް މަޝްވަރާކުރެވިގެން އަދި އާންމު މީޑިއާތަކަށް ސިއްރުން ހިންގާ އޮޕަރޭޝަނެކެވެ.

އެމެރިކާގެ އޮފިޝަލުންގެ ވިސްނުމަކީ އިޒުރޭލުން ބޭނުން ގޮތަކަށް، ހަނގުރާމާތަކުގައި ހަމަލާތައް ކުރިއަށް ގެންދިއުމެވެ.

އިޒުރޭލުގެ އަސްކަރިއްޔާއަށް ފެންނަ ގޮތަށް މިޝަން ކުރިއަށް ގެންދިއުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ވެސް މައްސަލަ ނުޖައްސާނެ ކަމަށް ޔަހޫދީ އޮފިޝަލުން ބުނެ އެވެ.

އިޒުރޭލަށް އާ ހަތިޔާރު ލިބުމަކީ ޣައްޒާ ހަނގުރާމަ ދިގުލައިގެން ހިނގައިދޭނެ ކަމުގެ ހެއްކެކެވެ. އަދި ޔަހޫދީންގެ ބާރުވެރިކަން މުޅި ސަރަހައްދަށް ފަތުރާލަން އެމެރިކާއިން ދޭ އެއްބާރުލުމެއް ކަމަށްވެސް ބެލެވެ އެވެ.

މިކަމުންވެސް ދޭހަވަނީ އެމެރިކާގެ ދެފުއް ދެގޮތް ކަމެވެ. ޣައްޒާ ހަނގުރާމާގައި މާގިނައިން މީހުން މަރުވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވި ނަމަވެސް އެމެރިކާއިން ޔަހޫދީންނަށް މި ފަހިކޮށްދެނީ އިތުރު މީހުން މަރާނެ ވަސީލަތްތަކެވެ.