ދުނިޔެ

ލުބުނާނަށް ދިން ޕޭޖަރު ހަމަލާއަކީ އެމެރިކާ ދެނެހުރިކަމެއް: ލަވްރޯފް

އިޒުރޭލުން ލުބުނާނަށް ޕޭޖަރު ހަމަލާއެއް ދޭން އުޅޭކަން އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެވަރުގެ ކަމެއް އެމެރިކާއަށް ނޭނގި އިޒުރޭލުން ނުކުރާނެ ކަމަށެވެ. މުއާސަލާތީ މުހިއްމު ހިދުމަތްތައް މެދުވެރިކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަކީ ބިރުބޮޑު އަދި އެއަށް ވުރެ ގޮތްކުޑަ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. އެއީ އިޒުރޭލު ކަހަލަ އަސްކަރީ ގޮތުން ނުހަނު ގާބިލް ބަޔަކު ކުރާ ކަހަލަ ކަމެއް ނޫން ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅަނގުގެ ނޫސްތަކުން ޕޭޖަރު ހަމަލާގެ ވާހަކަތައް ގެނެސްދީފައި ހުރި ގޮތުން އެމެރިކާއާ ގުޅުމެއް އޮތްކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެމެރިކާގެ ސިޔާސީ ލީޑަރުންނަށް ލުބްނާން ޕޭޖަރު ހަމަލާގެ މައުލޫމާތު ކޮންމެވެސް ގޮތަކުން ލިބިފައި ހުރި ކަމަށްވެސް ލަވްރޯފް ތުހުމަތު ކުރެއްވި އެވެ. ލުބްނާނަށް ވަރުގަދަ އަދަބެއް ދޭން ޖެހޭނެ ކަމަށް ސިޔާސީ މީހުން މާކުރީއްސުރެ ވާހަކަދައްކަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިޒުރޭލުން ދިން ޕޭޖަރު ހަމަލާގައި އެ ޖަމާއަތަށް ނިސްބަތް ނުވާ އަދި ޑޮކްޓަރުންނަށާއި ސިއްހީ އޮފިޝަލުންނަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

ޕޭޖަރު ހަމަލާ ދިނުމުގައި އިޒުރޭލުން ބޮޑަށް ބަލާފައިވަނީ ހިޒްބުﷲގެ ހަނގުރާމަވެރިން އެންމެ ގިނައިން އުޅޭ ސަރަހައްދުތަކަށް ހަމަލާ އަމާޒުކުރުމަށެވެ، މި ގޮތުން ހަނގުރާމަވެރިންނާ ގުޅުން ހުރި ޕޭޖަރުތައް ވަރަށް ކުރިއާލައި ދެނެގަނެ -- ގިނަ ޕޭޖަރުތަކެއް ގޮއްވާލީ އެއްފަހަރާ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޭޖަރުތައް ގޮއްވާލުމަށް އިޒުރޭލުން ތައްޔާރުވަމުންދާތާ ފަސް އަހަރު ވަނީ ވެފަ އެވެ. ހިޒްބުﷲ އަށް ޕޭޖަރު އުފައްދައިދޭ ކުންފުނިތަކުން ޕޭޖަރުތައް ފޮނުވާ މަގު ބަލައި އަދި ޝިޕްމަންޓްތައް ހިފަހައްޓައި ޕޭޖަރުތަކުގައި ވަނީ ގޮވާތަކެތި ވަޅުލާފަ އެވެ.

މި ހަމަލާއާ ބެހޭ ގޮތުން ރޮއިޓާސްއިން ކުރިން ބުނީ ހަމަލާދިނީ ލުބުނާންގެ މުވާސަލާތީ ނެޓްވޯކް ހެކްކޮށްގެން ކަމަށެވެ.