ދުނިޔެ

އެމެރިކާގެ ފައުޖުތައް އަނެއްކާވެސް މެދުއިރުމައްޗަށް

މެދުއިރުމަތީގައި މަސްލަހަތު ގެއްލުވާލުމަށްޓަަކައި އިޒުރޭލަށް އެއްބާރުލުން ދިނުމަށް އެމެރިކާއިން އަނެއްކާވެސް އަސްކަރީ ފައުޖުތަކެއް ފޮނުވަނީ އެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ބުނި ގޮތުން އިޒުރޭލަށް އެއްބާރުުން ދިނުމުގައި އެމެރިކާ އުމުރަށް ދެމިއޮންނާނެ އެވެ.

އިޒުރޭލުގެ އަސްކަރީ ޖެޓުތަކުން މިހާރު ގެންދަނީ ލުބްނާންގެ މައިދާންތަކަށް ބޮންއަޅައި މަދަނީ ބިނާތައް ރޮކެޓުން ސުންނާފަތިކުރަމުންނެވެ.

އިޒުރޭލުން ބުނާ ގޮތުން މަދަނީ ބިނާތަކަށް ހަމަލާދެނީ އެ ތަންތަނުގައި ހިޒްބުﷲގެ ހަތިޔާރު ރައްކާކޮށްފައި ބަހައްޓާތީ އެވެ.

އެމެރިކާގެ 40،000 ސިފައިން މެދުއިރުމަތީގައި މިހާރުވެސް އެބަ ތިބި އެވެ. މީގެ އިތުރުން ޕެންޓަގަނުން ސިފައިން ފޮނުވި ނަމަވެސް އެ އަދަދު ހާމައެއް ނުކުރެ އެވެ. ނޫސްތަކުން ކުރި ސުވާލަށްވެސް ޕެންޓަގަނުން ޖަވާބެއް ނުދެ އެވެ.

ލުބްނާނަށް ދޭ ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުން އިޒުރޭލުން މިހާރު ދަނީ ލުބްނާނަށް ނޯޓު ކަރުދާސް އަޅަމުންނެވެ. އޭގައި ބުނެފައި ވަނީ އަނިޔާއިން ރައްކާތެރިވުމަށް މިހާރު ތިބި ތަން ދޫކޮށް ދިއުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އިޒުރޭލުގެ ރޮކެޓުތަކުން ރައްކާތެރިވުމަށް މިހާރުވެސް އެތައް ހާސް ބަޔަކު ވަތަން ދޫކޮށް ވަނީ ދުރު ހިސާބުތަކަށް ދަތުރުކޮށްފަ އެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީމު މީގާތީ ވިދާޅުވި ގޮތުގައި އިޒުރޭލުގެ ވިސްނުމަކީ ޣައްޒާއަށް ހެދި ގޮތް ލުބްނާނަށް ހަދައި -- މުޅި ތަން ފަޅުކޮށްލުމެވެ. މިއީ ބައިނަލްއަގްވާމީ އިދާރާތަކުން ހުއްޓުވައި މަނާކުރަން ޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާން ދަނިއަލް ހަގާރީ ވިދާޅުވަނީ އިޒުރޭލު ބޯޑަރުން ފެށިގެން 80 ކިލޯ މީޓަރު ރައްކާތެރި ނުވާނެ ކަމަށެވެ. އާންމު ރައްޔިތުންނަށް ގެއްލުމެއް ނުލިބި ސަލާމަތް ވާނީ ރައްކާތެރި ތަނަކަށް ދިއުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލުބްނާނާއި އިޒުރޭލާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގައި، ހިޒްބުﷲއިން ދުރު ރާސްތާ މިސައިލްތަކެއް ވަނީ ބޭނުންކޮށްފަ އެވެ. މީގެ ތެރެއިން ގިނަ މިސައިލްތައް އިޒުރޭލުގެ އަޔަން ޑޯމުން ވައްޓާލި ނަމަވެސް ބައެއް މިސައިލްތައް އިޒުރޭލުގެ އަވަށްތަކަށް އަރައި ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.