ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޓިމޯގެ ތުހުމަތު: ޕީޕީއެމް ޕީއެންސީ އިން ދަނީ ޕްރައިމަރީ އޮޅުވާލަމުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ހޯދުމަށް އެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ހަސަން ރަމީޒު (ޓިމޯ)ގެ ހައްގުތަކެއް ގެއްލުވާލާފައިވާ ކަމަށް އޭނާ ތުހުމަތުކުރައްވައިފި އެވެ.

އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން ޓިމޯ ވިދާޅުވީ އޭނާ މި ޕްރައިމަރީއަށް ތައްޔާރުވުމަށްޓަކައި ދުރާލައި ވަރަށް ގިނަ މަސައްކަތްކޮށް ޕީއެންސީއަށް ގިނަ މެންބަރުތަކެެއް ވެސް ހޯދައިދީފައިވާނެ ކަމަށެވެ. އެގޮތުން ޕީއެންސީގެ މެންބަރުންނަށް ހެދުމަށް އޭނާ އެންމެ ފަހުން ހުށަހެޅި 49 މެންބަރުންގެ ތެރެއިން ޕާޓީގެ ދަފްތަރުގައި އަދިވެސް ހިމަނާފައި ވަނީ މަދު އަދަދެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިކަމުގައި އެތައް ފަހަރަކު ގުޅައިފިން ޕާޓީގެ ރަޖިސްޓްރާ އަކޫއަށް. އެކަމަކު ފޯނަށް ޖަވާބެއް ނުދެއްވާ. ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަށް ގުޅީމާ ވިދާޅުވީ އެކަން ބަލާނެ ކަމަށް. ނަމަވެސް އެއްވެސް ކަމެއް ހައްލެއް ނުވެ،" ކުރިން ފަސްޓް ޑިވިޝަންގެ ބޮޑެތި ޓީމުތަކުގައި ގޯލްކީޕަރަކަށް ކުޅެފައިވާ ޓިމޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ޕްރައިިމަރީގައި މެދުހެންވޭރު ދާއިރާއަށް ވޯޓުލާ މީހުންގެ ލިސްޓް ފުރަތަމަ އާންމުކުރިއިރު އެ ލިސްޓްގައި 985 މީހުން ތިބި ކަމަށެވެ. ނަމަވެސް އިއްޔެ ކުއްލި ގޮތަކަށް ދެވަނަ ލިސްޓެއް ނެރުނުއިރު މިހާރު އެ ލިސްޓްގައި ތިބީ 656 މީހުން ކަމަށާއި ކުރީގެ ލިސްޓްގައި ހިމެނޭ 329 މީހަކު ލިސްޓުން އުނިކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ފުރަތަމަ ލިސްޓާއި ދެވަނަ ލިސްޓް އަޅުގަނޑުމެން ރަނގަޅަށް އަޅައި ބަލާލިއިރު ދެވަނަ ލިސްޓުން އުނިކޮށްލާފައިވާ ގިނަ މީހުންނަކީ އަޅުގަނޑަށް ތާއީދުކުރާ ގިނަ މީހުން. ލިސްޓުން އުނިކުރި މީހުންވެސް އަޅުގަނޑަށް ކަންބޮޑުވެގެން އެބަގުޅާ. ބައެއް މީހުން ރަށްރަށުގައި ތިބެފައި އަދި ބައެއް މީހުން ރާއްޖެއިން ބޭރުގައި ތިބެފައިވެސް އަޅުގަނޑަށް ވޯޓުލާން މާލެ އައިސް އެބަތިބި. ބައެއް މީހުން އެބަތިބި ސީދާ އަޅުގަނޑު ހަރަދުކޮށްގެން ގެނެސްފައިވެސް. އެހެންކަމުން ވަކި އެއްޗެއް އަންގާވެސް ނުލައި މިގޮތަށް ލިސްޓުން އުނިކޮށްލުމަކީ ކިހާ ބޮޑު ގެއްލުމެއްތޯ؟،" ޕްރައިމަރީގައި ގެންގުޅޭ ވޯޓާސް ލިސްޓާ މެދު ސުވާލު އުފައްދަވަމުން ޓިމޯ ވިދާޅުވި އެވެ.

ޓިމޯ ވިދާޅުވީ ޕްރައިމަރީގައި އޭނާއަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކެއް ގެއްލުވާލާފައިވާތީ ހައްގު ހޯދުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށެވެ. އެކަންކުރަނީ އޭނާއަށް ތާއީދުކުރާ އެތައް ބައެއްގެ ހައްގުވެސް ކަށަވަރުކޮށްދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހައްގު ހޯދަން މަސައްކަތް ކުރާތީވެސް ތަފާތު އިންޒާރުތަކާއި ބިރުދެއްކުންތައްވެސް އެބައާދޭ. އެކަމަކު އަޅުގަނޑުގެ ހައްގެއް ގެއްލޭނަމަ ހައްގު ހޯދަން މަސައްކަތް ކުރުމަކީ އަޅުގަނޑަށްވެސް އޮތް ހައްގެއް،" ޓިމޯ ވިދާޅުވި އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާއަށް މިހާރު ވާދަކުރައްވަނީ ކެންޑިޑޭޓް ނަންބަރު އެކެއްގެ ގޮތުގައި ހުސައިން ނާސިހް އާއި، ކެންޑިޑޭޓް ނަންބަރު ދޭއްގެ ގޮތުގައި ހަސަން ރަމީޒު އެވެ. ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރެއްވުމަށް ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ މެދުހެންވޭރު ދާއިރާގެ ރައީސްގެ ގޮތުގައި ހުންނެވި ހަސަން ޝިޔާމުވެސް ކުރިން ފޯމު ހުށަހެޅުއްވި އެވެ. ނަމަވެސް ހަސަންއަށް ތުހުމަތުތަކެއް ކުރައްވައި އޭނާއަށް ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް ކުރިން އެންގެވުމަށްފަހު ޕްރައިމަރީގައި ވާދަކުރެއްވުމަށް އަލުން ފުރުސަތު ދިނުމުން ހަސަން މިހާރު ނިންމަވާފައިވަނީ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަނުކުރެއްވުމަށެވެ. އެކަމަކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށްޓަކައި އޭނާ މިހާރު ވަނީ ކެމްޕޭން ފައްޓަވާފަ އެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ. މެދުހެންވޭރުގައި ތިބި ޕީޕީއެމް ޕީއެންސީގެ މެންބަރުން ވޯޓުލާނީ ކަލާފާނު ސްކޫލުގައި ހުންނަ ވޯޓު ފޮށްޓަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދާނީ 77 ދާއިރާއެއް ގައެވެ. މަޖިލީހުގައި ހިމެނޭ 13 ދާއިރާއަކަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ އެއް ބޭފުޅަކު ކަމަށްވުމުން އެ 13 ދާއިރާއަށް ވާދަކުރެއްވި ބޭފުޅުންނަށް ޓިކެޓް ކަށަވަރުވެފައިވާތީ އެ ދާއިރާތަކުގައި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީއެއް ނޯންނާނެ އެވެ. ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ނޯންނަ އަނެއް ތިން ދާއިރާއަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ވާދަކުރައްވާ މާފަންނު އުތުރު ދާއިރާ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިނގިލި ދާއިރާއާއި އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާ އެވެ. ސިޔާސީ ޕާޓީގެ މި ތިން ލީޑަރުންނަކީ މިވަގުތު ސަރުކާރާ އެކު މަސައްކަތް ކުރައްވާ ތިން ބޭފުޅުންނަށް ވާތީ އެ ދާއިރާތަކަށް ޕީޕީއެމް ޕީއެންސީގެ އެެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް އެ ޕާޓީތަކުން ވަނީ ނިންމާފަ އެވެ.