ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ޖުމްލަ 227 ވޯޓު ފޮށި ބެހެއްޓުމަށް ނިންމައިފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.
ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނީ މާދަމާ ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 71،597 މީހަކަށް ލިބިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވި ނަމަވެސް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ކުރިއަށްދާނީ 77 ދާއިރާއެއްގައި ޕީޕީއެމް ޕީއެންސީ އިން މިއަދު ބުނެފައިވެ އެވެ. އެކަމަކު ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވީ 13 ބޭފުޅަކަށް ކަމަށް ޕީޕީއެމް ޕީއެންސީ އިން ކުރިން ބުނެފައިވާތީ އޭގެފަހުން އިތުރު ބޭފުޅުންތަކަކަށް ޓިކެޓް ކަށަވަރު ނުވާނަމަ 77 ދާއިރާއެއްގައި ޕްރައިމަރީ ބާއްވަންޖެހެ އެވެ.
ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަަވަރު 13 ބޭފުޅުންގެ އިތުރުން ދެން ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ނޯންނަ އަނެއް ތިން ދާއިރާއަކީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ވާދަކުރައްވާ މާފަންނު އުތުރު ދާއިރާ އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާ މާމިނގިލި ދާއިރާއާއި އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާ ދ. މީދޫ ދާއިރާ އެވެ. ސިޔާސީ ޕާޓީގެ މި ތިން ލީޑަރުންނަކީ މިވަގުތު ސަރުކާރާ އެކު މަސައްކަތް ކުރައްވާ ތިން ބޭފުޅުންނަށް ވާތީ އެ ދާއިރާތަކަށް ޕީޕީއެމް ޕީއެންސީގެ އެެއްވެސް ކެންޑިޑޭޓަކު ނުނެރުމަށް އެ ޕާޓީތަކުން ވަނީ ނިންމާފަ އެވެ.
ޕްރައިމަރީއަކާ ނުލައި ޕީޕީއެމް ޕީއެންސީގެ ޓިކެޓް ލިބުނު 13 ބޭފުޅުންގެ އިތުރުން އެހެން ބޭފުޅުންތަކަކަށް ޓިކެޓް ލިބިފައިވޭތޯ އަވަސްއިން ސުވާލުކުރި ނަމަވެސް ޕީޕީއެމް ޕީއެންސީ އޮފީހުން އެ މައުލޫމާތު އަދި ނުލިބެ އެވެ. ނުރަސްމީ ގޮތުން ލިބިފައިވާ ބައެއް މައުލޫމާތަށް ބަލާއިރު ޕްރައިމަރީއަކާ ނުލައި މަތިވެރި ދާއިރާއަށް ވާދަކުރެއްވުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި އަބްދުﷲ ލުތުފީ (ލުއްޑާ) އަށް ވަނީ ލިބިފަ އެވެ.