ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ޖުމްހޫރީ ދުވަހު ރައީސް ފޮނުއްވީ ވަނދު މެސެޖެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސާ އާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އިން ފާހަގަކުރި ފުރަތަމަ ޖުމްހޫރީ ދުވަހެވެ.

މިދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައި މިވަނީ ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. މިގުޅުން ގޯސްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އަންގާ ދިވެހި ސަރުކާރުން މުހުލަތެއް ދިނުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެ އެވެ.

ރައީސްގެ މެސެޖުގައި ދިވެހިރާއްޖެއާއި އިންޑިއާއާއި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ބަދަހި ރަހްމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެ އެވެ.

ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް އަހަރުތަކަކީ ވެސް އިންޑިއާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއް ކަމުގައި ވުމަށް އެދިވަޑައިގެންފަ އެވެ.