ފަލަސްތީންގެ ޣައްޒާއަށް ޔަހޫދީ ޒަޔަނިސްޓުން ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް އަމުރުކުރުމަށް އެދި ދެކުނު އެފްރިކާއިން -- އދ ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓީސް (އައިސީޖޭ) އަށް -- ހުށަހެޅި ހުށަހެޅުންތަކަށް އެ ކޯޓުން ރިއާޔަތްކުރި ނަމަވެސް، ހަމަލާތައް ހުއްޓާލަން އިޒުރޭލަށް އަމުރެއް ނުކުރި އެވެ.
އައިސީޖޭގެ އަމުރުގައި އިޒުރޭލަށް ގޮވާލާފައި އޮތީ އެ ގައުމުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދޭ ހަމަލާތަކުގެ މަގުސަދަކީ ނަސްލު ނަންތާލުންތޯ -- ޖަވާބުދާރީވާން ޖެހޭ އިޒުރޭލުގެ އިދާރާތަކުން ބެލުމަށެވެ.
އަދި ނަސްލު ނައްތާލުމުގެ މަގުސަދުގައި ހަމަލާ ނުދިނުމަށާއި އެފަދަ އަމަލުތަކެއް މިހާރު ހިިންގާ ނަމަވެސް ހުއްޓާލަން އޮތީ އަމުރުކޮށްފަ އެވެ.
ދެކުނު އެފްރިކާއިން ހުށަހަޅާފައި ހުރި ލިޔުންތަކާއި އިތުރު ހެކިތަކުން -- އިޒުރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ ހަރަކާތްތަކެއް ކަމަށް ތުހުމަތުކުރުމަށް ފުރުސަތު އޮތް ކަމަށްވެސް އަމުރުގައި އޮތެވެ.
އައިސީޖޭގެ އަމުރުގައި އިޒުރޭލުން ޣައްޒާޣައި ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ސީދާ ބުނެފައެއް ނެތެވެ. އިޒުރޭލުގެ ނިޔަތަކީ ނަސްލު ނައްތާލުން ކަމަށް ނިންމަން އިތުރަށް ބަލަން ޖެހޭ ކަމަށް ވެސް ދުނިޔޭގެ ކޯޓުން ބުންޏެވެ.
އިޒުރޭލުގެ މައްޗަށް ދެން ކުރި އަމުރަކީ އެއްވެސް ބަހަނާއެއް ނެތި އިންސާނީ އެހީތެރިކަން -- ކާބޯތަކެއްޗާއި ބޭސްފަރުވާ ޣައްޒާއަށް -- ފޯރުކޮދިނުމަށް ހުރަސް ނޭޅުމަށެވެ. އެހީތެރިކަން ފޯޜުކޮށްދެވެން ހުރި ހުރިހާ ދޮރުތަކެއް ވަގުތުން ވަގުތަށް ހުޅުވުމަށް ވެސް ޔަހޫދީންނަށް ވަނީ އަންގާފަ އެވެ.
ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާއަށް ލިބެމުންދާ އުމްރާނީ އަދި މަދަނީ ގެއްލުންތައް މަދުކުރުމަށް ވެސް އައިސީޖޭއިން ވަނީ އަމުރުކޮށްފަ އެވެ.
އައިސީޖޭއިން ބުނީ ޣައްޒާގެ ހާލަތު އެ ކޯޓަށް ރަނގަޅަށް އެނގޭ ކަމަށެވެ.
އިޒުރޭލުގެ ހަމަލާތަކުގައި 26،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެހާ ގިނަ މީހުން މަރުވާން މެދުވެރި ސަބަބާ މެދު ވެސް ވިސްނާނެ ކަމަށް ދުނިޔޭގެ ކޯޓުން ބުންޏެވެ.
އައިސީޖޭއަށް ލިބިފައި ހުރި ވީޑިއޯ އަދި ފޮޓޯތަކުން ޣައްޒާއަށް ވަރަށް ބޮޑެތި ގެއްލުން ދީފައި ހުރިކަން އެނގޭ ކަމަށް ވެސް ކޯޓުން ބުންޏެވެ.
ލޯމައްޗަށް ފެންނަން ހުރި ހެކިތަކަށް ބަލާއިރު ވައްތަރީ، ހަމަލާތައް ދީފައި ވަނީ މުޅި ޣައްޒާ ނައްތާލުމުގެ ގަސްދުގައި ކަމަށް ބެލެވޭ ކަމަށް ވެސް ކޯޓުގެ ބުނުމުގައި އޮތެވެ.
އައިސީޖޭގެ މި އަމުރަށް ފަލަސްތީނުން ވަނީ މަރުހަބާ ކިޔާފަ އެވެ.
އިޒުރޭލުގެ ކެބިނެޓްގައި ހިމެނޭ ބައެއް މިނިސްޓަރުން މި އަމުރު ގަބޫލުނުކުރާނެ ކަމަށް ވިދާޅުވި އެވެ. ކޯޓުގެ އަމުރަށް އެއްވެސް ރައްދެއް ނުދެއްވުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އޭނާގެ ކެބިނެޓް މިނިސްޓަރުންނަށް އަންގަވާފަ އެވެ.