ދުނިޔެ

ކޯޓު އަމުރަށް ގޮތް ނުކިޔުމަށް ވަޒީރުންނަށް އަންގައިފި

ދެކުނު އެފްރިކާއިން އދ ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އިޒުރޭލާ ދެކޮޅަށް ހުށަހެޅި މައްސަލާގައި -- ފަލަސްތީންގެ ނަސްލު ނައްތާލުން ކަމަށް ބެލެވިދާނެ އެއްވެސް ކަމެއް ނުކުރަން އިޒުރޭލަށް ވަނީ އަންގައި އަމުރުކޮށްފަ އެވެ.

އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އާދަޔާ ޚިލާފު އަދަދަކަށް މީހުން މަރުވެފައި ވާތީ އެއީ ނަސްލު ނައްތާލަށް ޔަހޫދީން ރާވައިގެން ހިންގާ ހަރަކާތްތަކެއް ކަމަށް ބެލެވިދާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އިޒުރޭލަށް ކުރި އަމުރާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނި ވަޑައިގަންނަވާ ބައެއް ވަޒީރުން ވަނީ އެކްސްގައި ބައިނަލްއަގްވާމީ ކޯޓަށް ހުތުރު ބަހުން މުހާތަބުކުރައްވާފަ އެވެ.

އައިސީޖޭގެ އަމުރަކީ ފަނޑިޔާރުންނަށް ބަޔަކު ބުއްދިލައިދީގެން ނެރުނު އަމުރެއް ކަމަށް ވެސް ޔަހޫދީ ވަޒީރުން ތުހުމަތުކުރެ އެވެ.

އޭނާގެ ވަޒީރުން ދެއްކެވި ވާހަކަތަކާ މެދު ނުތަނަވަސްވެ ވަޑައިގެން ނަތަޔަންޔޫ ވަނީ އައިސީޖޭގެ އަމުރަށް ގޮތްފޮތް ނުކިޔުމަށް ވަޒީރުންނަށް އަންގަވާފަ އެވެ.

އައިސީޖޭގެ އަމުރަކީ އިންތިގާލީ އަމުރަކަށް ވުމުން އިޒުރޭލަށް އޮތީ ޣައްޒާގައި ގަތުލުއާންމެއް ނުވަތަ ނަސްލު ނައްތާލުމުގެ އެއްވެސް ހަރަކާތެއް ނުހިންގާކަން ކަށަވަރުކޮށް ދިނުމެވެ.

އައިސީޖޭގެ އަމުރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ނަތަންޔާހޫގެ ވަޒީރަކީ، އިޒުރޭލުގެ ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރު، އިތަމާރު ބެންގަވީރު އެވެ.

ބެންގަވީރު ވިދާޅުވީ ޔަހޫދީންގެ މައްޗަށް އަމުރު ނެރުނީ ޔަހޫދީންނާ ދެކޮޅަށް ވަކާލަތުކުރާ ކޯޓަކުން ކަމަށެވެ. އައިސީޖޭ އަކީ އިންސާފަށް ލޯބިކުރާ ކޯޓެއް ނޫން ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުންގެ ވިސްނުމުގައި ވެސް އޮތީ ޔަހޫދީންނަށް ދެރަ ގޮތްވުން ކަމަށް ވެސް ބެންގަވީރު ވިދާޅުވި އެވެ.

ބެންގަވީރު އަދި ވިދާޅުވީ އިޒުރޭލު ދެމިއޮތުމަށް ހުރަކަށްވާ ކޮންމެ ކަމަކާ ކުރިމަތިލައްވާނެ ކަމަށެެވެ. އެއީ ބާރުގެ ބޭނުންކޮށްގެން ކުރަން ޖެހޭ ކަމެއް އެ ކަމެއް ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣައްޒާގައި ދުޝްމަނުންގެ މައްޗަށް ފުރިހަމަ ކާމިޔާބު ލިބެންދެން ހަނގުރާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމާސް އަކީ ޔަހޫދީން ނައްތާލަން ހަރު އަޑުން ގޮވައި ވާކާލާތުކުރާ ޖަމާއަތެއް ކަމަށާއި ހަމާސް ނައްތާލާފައި ނޫނީ ގައިން ތާހިރު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތަމާރު ބެންގަވީރު މިހެން ވިދާޅުވި ނަމަވެސް، ޔަހޫދީން މިހާރު އުޅެނީ ހަމާސް ނައްތާލާގެ ގޮތެއް ނޭނގިގެންނެވެ. ޣައްޒާއަށް އެއްގަމު މަގުން އަރައިގަތްއިރު ހަމާސް ނައްތާލަން މިހާ ގިނަ ދުވަސް ނަގާނެ ކަމަށް ޔަހޫދީންނަށް ވިސްނިފައެއް ނުވެ އެވެ.