ދުނިޔެ

ރަތް ކަނޑު ސުލްހަކުރަން މަސައްކަތްތަކެއް ކުރެވިއްޖެ: ޗައިނާ

ޔޫރަޕުން ފުރައިގެން މިސްރުގެ ސުއޭޒް ކެނަލް ހުރަސްކުރާ ރަތް ކަނޑަށް ނުކުންނަ މުދާއުފުލާ ބޯޓުތަކަށް، އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ޖަމާއަތުން ހަމާލާދޭނެކަން އޮތީ އިއުލާންކޮށްފަ އެވެ.

ރަތް ކަނޑުން ދަތުރުކުރާ މުދާއުފުލާ ކޮންޓޭނަރު ބޯޓުތަކުގެ ތެރެއިން ވެސް ހޫސީންގެ ހަމަލާތައް އަމާޒުކުރާނީ އެ އުޅަނދުން އިޒުރޭލަށް މުދާ އުފުލާ ނަމަ އެވެ. އެހެން ގައުމަކަށް މުދާ އުފުޅާ އުޅަނދެއް ނަމަ އެއްވެސް ގެއްލުމެއް ނުދޭނެ ކަމަށް ހޫސީން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވި ގޮތުން ހޫސީންގެ އަމަލުތައް ކޮންޓްރޯލްކުރުމަށް ހަރަކާތްތެރި މަސައްކަތްތަކެއް އެ ގައުމުގެ އޮފިޝަލުން ވަނީ ކޮށްފަ އެވެ.

ހޫސީންގެ މައްޗަށް އީރާންގެ ބާރެއް ހިނގާނަމަ، ހަމަލާތައް ހުއްޓާލުމަށް އީރާންގެ ކިބައިން އެދިފައިވާ ކަމަށްވެސް ވަންގް ވެންގިން ވިދާޅުވި އެވެ.

ހޫސީ ހަނގުރާމަވެރިން ރަތް ކަނޑަށް ނިކުތުމުގެ ކުރިންވެސް ޗައިނާގެ އުޅަނދުތައް އެ ހިސާބުގައި ފޯރިމަރާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ޗައިނާގެ އުއްމީދަކީ ގައުމުތައް ގުޅިގެން ރަތް ކަނޑު އަމާން ތަނަކަށް ހެދުމެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން ރަތް ކަނޑަކީ ދުނިޔޭގެ އިގުތިސާދަށް މުހިންމު މަގެކެވެ. ޔޫރަޕުން މުދާ ބަރުކޮށްގެން އޭޝިއާއަށް -- އަދި އޭޝިއާ އިން މުދާ ބަރުކޮށްގެން ޔޫރަޕަށް ގިނަ އުޅަނދުތައް ދަތުރުކުރަނީ ރަތް ކަނޑު ހުރަސްކޮށެެވެ.

ޗައިނާގެ ގޮވާލުމަކީ ރަތް ކަނޑު އަމާންކުރުމަށް ހޫސީން އަދި ހޫސީންނަށް ހަމަލާދޭ އެހެން ގުރޫޕްތަކުން އެކަން އެގޮތަށް ނުކުރުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަތް ކަނޑުގެ އަމާންކަން ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި ހޫސީންނެއް ނޫނެވެ. ރަތް ކަނޑުގެ އަމާންކަން ގެއްލުމުގައި އިޒުރޭލާއި އެމެރިކާ އަދި އިނގިރޭސިންގެ ދައުރުވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

މިސްރުގެ ސުއޭޒް ކެނަލް ހުރަސްކުރާ އުޅަނދުތައް މަދުވުމުން، ދުނިޔޭގެ އިގުތިސާދަށް ހީނަރުކަން އަންނާނެ ކަމަށް މާހިރުން ދެކެ އެވެ. ހާލަތު މިހާރުވެސް އޮތީ މިފަދަ ފައްތަރެއްގައި ކަމަށްވެސް ވިޔަފާރިވެރިން ބުނެ އެވެ.

ރަތް ކަނޑަކީ ދުނިޔެއަށް ކާންދިނުމަށް، މުދާއުފުލާ އުޅަނދުތައް އެންމެ ގިނައިން ދަތުރުކުރާ ކަނޑުމަގެވެ. މި މަގަށް ނުަރައްކާ ބޮޑުވެ މަސްލަހަތު ގެއްލިއްޖެނަމަ ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ދަތިވާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެ އެވެ.