ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން އެ ތަހުގީގީ އިދާރާއަކުން އެ މައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ އެކަން ބަލައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ތައާރަފުކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އޮންލައިން ޕޯޓަލުގައި ޝަކުވާ ހުށަހަޅާ ޓެބެއް އޮންނާނެ ކަމަށާއި ޝަކުވާއެއް ހުށަހަޅަން ފިތާލުމުން ފޯމެއް ފެންނާނެ ކަމަށެވެ.
އެ ފޯމުގެ އާންމު ބައިބައި ހުންނާނީ ފުރާފަ ކަމަށާއި ޝަކުވާ ހުށަހަޅާ މީހާ ކުރަންޖެހޭނެ ކަމަކީ އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި އޭނާ ތަހުގީގީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑުކުރުން ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ގޮތަށް ހުށަހަޅާ ޝަކުވާ ފޯމު ލިބޭނީ އެ މައްސަލައެއް ބެލުމާ ހަވާލުވެ ހުރި ޕްރޮސިކިއުޓަރަށެވެ. ޕްރޮސިކިއުޓަރު އެ ޝަކުވާ ފޯމު ކިޔުމަށްފަހު ޖަވާބު ދޭނެ ކަމަށް އަންދާޒާކުރާ ދުވަހެއް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް އެ އޮފީހުން ބުނެ އެވެ.
ޖަވާބު ދޭނެ ދުވަހެއް ނޯޓުކުރާ ވަގުތު އެކަން ޝަކުވާ ހުށަހެޅި މީހާއަށް މެސެޖަކުން އެނގޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.
އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ ނިޒާމު ތައާރަފުކުރި ނަމަވެސް ސީދާ ކަރުދާސް ފޯމަކުން ނުވަތަ ސިޓީއަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް އޮންނާނެ އެވެ.