ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

މަޖިލީހުގެ 62 ގޮނޑި ކާމިޔާބުކުރާނަން: ރައީސް

ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް އަދި ރައްޔިތުންގެ ހައްގުތަކަށް އިސްކަންދީގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތުގައި އޮތީ އްޔިތުންނަށް ހިދުމަތް ކުރުމުގެ ތެދު ނިޔަތާއި އިހްލާސްތެރިކަން. އެހެންވީމަ ރައްޔިތުން ބަލައިގަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވެ މި ދެންނެވީ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގެ ކަންކަން ކިތަންމެ ފޯރިގަދަ ކުރިއަށް ދިޔަ ނަމަވެސް ނަތީޖާއަށްފަހު ގައުމުގެ މަސްލަހަތަށްޓަަކައި މޮޅުވާ ކެންޑިޑޭޓާ އެކު ހުރިހާ ބޭފުޅުންވެސް ތިއްބަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕްރައިމަރީ ކުރިއަށް ދިޔަ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިނގި ނަމަވެސް ރައީސް ވިދާޅުވީ މިއަދު ކުރިއަށް ދިޔައީ އިންސާފުވެރި ޕްރައިމަރީއެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. ބައެއް ދާއިރާތަކުގައި ވޯޓާސް ލިސްޓް އޮޅުވާލި ކަމަށް ތުހުމަތުކުރި ނަމަވެސް ރައީސް ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށާއި ހުށަހެޅިފައިވާ ޝަކުވާތައް ރަނގަޅަށް ބައްލަވާނެ ކަމަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިއަދު ކުރިއަށް ދިޔައީ އެކަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލި 73 ދާއިރާގައެވެ. ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރި އެވެ. މި ޕްރައިމަރީގައި ޖުމްލަ 277 ވޯޓް ފޮށި ބަހައްޓާފައިވާއިރު 71،597 މީހުންނަށް ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވެ އެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 10:00 އިން ހަވީރު 5:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ މާޗް 17 ވަނަ ދުވަހު އެވެ.