ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީ -- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކޮށްފި އެވެ.

މަޖިލީހުގައި މެންބަރުން ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ ގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ މިހާރުގެ މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު އިއުލާންކުރެއްވި ލިސްޓްގައި އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއިކުރައްވާފައިވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ)ގެ ނަމެއް ނުހިމެނެ އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ މި ދެ މެންބަރުން ޕާޓީ ބަދަލުކުރެއްވި ނަމަވެސް މަޖިލީހުގައި އެކަން އިއުލާންކުރުމަށް ބޭނުންވާ ލިޔެކިޔުންތައް އޭރު މަޖިލީހަށް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޕާޓީ ބަދަލުކުރެއްވި 12 މެންބަރެއްގެ ނަން މިއަދު އިއުލާން ކުރި ފަހުން ޝަރީފާއި ހަސަންގެ މައުލޫމާތުތައް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޑީޕީން ވަކިވެ ޕީޕީއެމްއާ ގުޅުނު މެންބަރުން

  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
  • އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ)
  • ނިލަންދޫ ދާއިރާ މެންބަރު އަބްދުލްމުހްސިން ހަމީދު
  • ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު
  • އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
  • މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް
  • ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްޙަކީމް
  • ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް
  • މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
  • މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ
  • ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
  • ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒް

މަޖިލީހުގައި މިއަދު ކުރި އިއުލާނާ އެކު އަދި މަވޯޓާ ޝަރީފާއި ހަސަންޓޭ ހިމަނައިގެން ޕީއެންސީގައި މިހާރު ތިއްބެވީ 16 މެންބަރުންނެެވެ. އެމްޑީޕީގައި 42 މެންބަރުން ތިއްބެވިއިރު ޑިމޮކްރެޓްސްގައި މިހާރު ތިއްބެވީ 13 މެންބަަރުންނެވެ. ޖުމްހޫރީ ޕާޓީ، ޕީޕީއެމް އަދި އެމްޑީގެ ތެރެއިން ކޮންމެ ޕާޓީއެއްގައި ދެ މެންބަރުން ތިއްބެވިއިރު މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވީ ތިން މެންބަރުންނެވެ. މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނަކީ އެމްއެންޕީގެ ދެ ބޭފުޅުންނެވެ.

މީގެކުރިން މިއަދާ ހަމައަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ ދަ ޑިމޮކްރެޓްސް އެވެ.

މަޖިލީހުގައި މެންބަރުން ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ ގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ޕާޓީތަކަށް ލިބޭ ވަގުތަށް އަދި މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު އަންނާނެ އެވެ.