ދުނިޔެ

އެމެރިކާ ސިފައިންނަށް ދިން ހަމަލާއަށް ބަދަލުހިފާނަން: ޕެންޓަގަން

އުރުދުންގައި މަރުކަޒު ހަދައިގެން ތިބޭ އެމެރިކާ ސިފައިންނަށް އަސްކަރީ ޑްރޯނުން ހަމަލާދީ ސިފައިންގެ ތިން މީހަކު މަރާލައި 25 މީހަކު ވަނީ ޒަހަމްކޮށްލާފަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމެރިކާގެ ދިފާއީ އިދާރާގެ ވެރިޔާ ލޮއިޑް އޮސްޓިން ވިދާޅުވީ ހަމަލާއަށް ބަދަލު ނުހިފާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ.

އޮސްޓިން ވިދާޅުވި ގޮތުން ކޮންމެ ގައުމެއްގައި ތިބި ނަމަވެސް އެމެރިކާގެ ރައްޔިތުންގެ ދިފާއުގައި އެމެރިކާގެ ސަރުކާރު އޮންނާނެ އެވެ. އަދި އެ މީހުންގެ ރައްކާތެރިކަމާ މެދު ސަރުކާރުން ވިސްނައި ފިޔަވަޅު އަޅާނެ އެވެ.

އެމެރިކާ ސިފައިންނަކީ ދުނިޔޭގެ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަމަށް އޮސްޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ ސިފައިންނަށް އެ ވަރުގެ އަނިޔާވެރި ހަމަލާތަކެއް ދޭނީ އެމެރިކާގެ ދުޝްމަނުން ކަމަށެވެ.

އޮސްޓިން ވިދާޅުވި ގޮތުން އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާދިނީ އީރާނަށް ތާއީދުކުރާ ހޫސީ ޖަމާއަތުންނެވެ. އަދި އެ ސަރަހައްދުގައި މަސްލަހަތު ގެއްލޭ ހުރިހާ ކަމެއް ކުރަނީ އީރާނަށް އެނގިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޮސްޓިން ވިދާޅުވީ އެމެރިކާ ސިފައިންނަށް ދިން ހަމަލާއަށް ބަދަލުހިފާނީ އަނިޔާވެރި ގޮތަކަށް ކަމަށެވެ. އެމެރިކާ އިން ހަމަލާދޭނީ އެ ބަޔަކު އުންމީދު ވެސް ނުކުރާ ވަރުގެ ކެހިވެރިކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާ ހަނގުރާމައާ ގުޅުވައިގެންނެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ އެމެރިކާ އާއި އެމެރިކާގެ ޝައުގުވެރިކަމަށް ހަމަލާދޭނެ ކަމަށް ހަމާސް އާއި ހިޒްބުﷲ އަދީ ހޫސީން ވެސް އޮތީ ބުނެފަ އެވެ.

ރަތް ކަނޑުގެ މަސްލަހަތު ބެލެހެއްޓުމަށް އެމެރިކާއާއި އިނގިރޭސިވިލާތް އަދި ބައިވެރިން އެކުވެ އުފައްދާފައި އޮތް އަސްކަރީ ބާރުތަކުން ޔަމަންގައި ތިބި ހޫސީ ޖަމާއަތުގެ މަރުކަޒުތަކަށް ހަމަލާދިނުމަކީވެސް -- ހޫސީން ބުނި ގޮތުން އެ މީހުންގެ އިމަށް ދުޝްމަނުން ވަނުމެވެ.

އެ މީހުންނަށް ހަމަލާ ދިން ބަޔަކަށް ދެމެހެއްޓެނިވި ހަމަލާތަކެއް ދޭނެ ކަމަށްވެސް ހޫސީން އޮތީ ބުނެ ހުވައިކޮށްފަ އެވެ.

ރަތް ކަނޑުގައި ހޫސީން ހަރަކާތްތެރިވަނީ އިޒުރޭލަށް ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކަށް ހުރަސް އެޅުމަށެވެ.

ޣައްޒާ ހަނގުރާމާ ހުއްޓާލުމަށް ދާންދެން އިޒުރޭލުގެ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.