ރައްޔިތުންގެ މަޖިލިސް

ރުހުން ދިނުމުގެ ޖަލްސާ 1:00 އަށް ފަސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް މިއަދު ބާއްވަން ތާވަލު ކުރި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާ މެންދުރުފަހު 1:00 އަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ ދައުރުން ބޭރު ދެވަނަ ޖަލްސާ ބާއްވަން ފުރަތަމަ އެޖެންޑާކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް މިހާރު މި ޖަލްސާ ވަނީ މެންދުރުފަހު 1:00 އަށް ފަސްކޮށްފަ އެވެ.

މަޖިލީހުގައި މިއަދަށް އެޖެންޑާކުރި ޖަލްސާ ފަސްކުރިއިރު ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެވެސް ދައުރުން ބޭރު ޖަލްސާއެއް ބޭއްވި އެވެ.

އެ ޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސް އެޅުއްވީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުގެ ހެއްދެވުމުގެ ގޮތުންނެވެ.

އެގޮތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ހަމަޖެއްސީ މެންދުރުފަހު 1:30ގަ އެވެ. ނަމަވެސް ޑިމޮކްރެޓުންނާއި އެމްޑީޕީގެ މެންބަރުންނަށް ނުވަދެވޭނެހެން ޕީޕީއެމް ޕީއެންސީގެ މެންބަރުން ވަނީ މަޖިލީހުގެ ޗެމްބަރުގެ ދޮރު ތަޅުލާފަ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އެހުމަށް މަޖިލީހުގެ ޖަލްސާ ރޭ އަލުން ފެށުމަށްފަހުވެސް ކުރިއަށް ނުގެންދެވި ޖަލްސާ ވަނީ ނިންމާލާފަ އެވެ.