ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާގެ އެހީގައި ބެހެއްޓި ޑީސެލިނޭޝަން ޕްލާންޓުތައް ހަވާލުކޮށްފި

ފަސް ރަށެއްގައި ގާއިމުކުރި އިޔާދަކުރަނިވި ހަކަތައިން ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓުތައް ނިންމުމަށްފަހު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ޑީސެލިނޭޝަން ޕްލާންޓްތައް ބަހައްޓާފައިވަނީ ހއ. ކެލާ، ރ. އަލިފުށި، ޅ. އޮޅުވެލިފުށި، ކ. ކާށިދޫ އަދި ގއ. ދާންދޫގަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ 2022 ވަނަ އަހަރު ރާއްޖެ ވަޑައިގެން ސޮއި ކުރެއްވި އެއްބަސްވުމުގެ ދަށުން ފަސް ރަށުގައި ކުރިއަށް ގެންދިޔަ މަޝްރޫއު 199 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން މިމަޝްރޫއު ނިންމި ކަމުގެ ލިޔުން ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލީ ޝިން އެވެ.

މަޝްރޫއު ނިމުނު ކަމުގެ ލިޔުމާ ހަވާލުވެވަޑައިގެން ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ.

އިޔާދަކުރަނިވި ހަކަތައިން ބޭނުންކުރާ ޑީސެލިނޭޝަން ޕްލާންޓްތަކުން ދުވާލަކު 200 ޓަނުގެ ފެން އުފައްދާނެ އެވެ. މިއޮޕަރޭޝަން ހުއްޓުމެެއް ނެތި ކުރިއަށް ގެންދިއުމަށް 200 ކިލޯވޯޓުގެ ސޯލާ ޕެނަލް ކޮންމެ ރަށެއްގައިވެސް ހަރުކޮށްފައިވެ އެވެ.