އެމްޑީޕީ

އަސުރުމާ ދޯނީގެ މައްސަލަ ސީރިއަސްކޮށް ބެލުމަށް ގޮވާލައިފި

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3" ނަމަކަށް ކިޔާ ދޯންޏަށް ބޭރުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކރި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް އަރާފައިވާ ކަމަށް ބުނަނީ އިންޑިއާ ސިފައިންނެވެ. އެ މީހުން އަރާ ސުވާލުކޮށްފައިވާ ތިން ދޯންޏަކީ "އަސުރުމާ-3، ބިރު 7 އަދި މާހޯރަ ތިނެއް ދޯންޏެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ ހަމައެކަނި އަސުރުމާ 3 ދޯނީގެ ނަން އެކަންޏެވެ. ރާއްޖޭގެ ނޫސްތަކުގައި ދިވެހި މަސް ދޯނިތަކަށް އަރާ ސުވާލުކޮށްފައިވަނީ އިންޑިއާ ސިފައިން ކަމަށް ބުނެފައިވީ ނަމަވެސް އެމްޑީޕީގެ ބަޔާނުގައި އެ ޕާޓީއަށް އެ މައުލޫމާތު ޔަގީންވެފައިވާ ކަމަކަށް ހަދާފައެއް ނުވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ "އަސުރުމާ 3" އަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް ރާއްޖޭގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށްވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ދިވެހި ސިފައިންނަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށްވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.