އިންޑިއާ އާއި ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސްވެރިން އިދިކޮޅުގައި ތިބި ދުވަސްވަރު ބަދުބަސްތައް ބުނެފައިވީ ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާގެ މުހިއްމުކަން މިހާރު އިހްސާސް ކުރެއްވޭނެ ކަމުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާއިރު މިދަތުރާ އެކު ދެ ގައުމުގެ ގުޅުން އަލުން ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއަށް ވުރެ ޗައިނާ އިސްކުރާ މައްސަލައިގައި ފައްޔާޒު ވިދާޅުވީ މިސަރުކާރުން ވަރަށް ގިނަ ޅައެއްޗެހި އަޅާ މަންޒަރު ފެނިއްޖެ ކަމަށެވެ. އެކަމަކު ރާއްޖެއިން މިސަރަހައްދުގެ ގައުމުތަކާ އެކު ބާއްވަންޖެހޭ ގުޅުންތައް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ވަކި ގައުމެއް އިސްތިސްނާ ނުކޮށް ޗައިނާވެސް ހިމެނޭހެން ގައުމުތަކާ އެކު ގާތްގުޅުންތަކެއް ބާއްވާފައިވާނެ ކަމަށެވެ. ނިމިިދިޔަ ސަރުކާރުން ގައުމުތަކާ އެކު ގުޅުން ބަދަހިކުރީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ނުދާނެ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ.
ޑރ. ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާއިރު މިދަތުރުގެ ބޭނުމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އަދި ސަރުކާރުން އަމަލުކުރާ ގޮތުން ސަރުކާރު ހިންގާ ގޮތާ ގުޅޭގޮތުން އެއްޗެއް ލަފާކުރަންވެސް ދަތި ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ފަހުން އިންޑިއާގެ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.