އެމްޑީޕީ

ވާހަކަދައްކައިގެން މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ގޮވާލައިފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލުތަކެއް ހޯދައިދިނުމަށް މަސްވެރިންނާ ވާހަކަދައްކައިގެން ގޮތްތަކެއް ނިންމުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިކަމަށް ގޮވާލާފައި މިވަނީ މިފްކޯއަށް ކިރާފައިވާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްވާތީ އާއި ލޭނު އެޅުމުގެ ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިންގެ ބަޔަކު މިއަދު މުޒާހަރާކޮށްފައި ވަނިކޮށެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ލޭނު މަސްވެރިކަމަށް ރާއްޖޭގެ ކަނޑުތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ބޮޑު ކަންނެލީގެ މަސްވެރިންގެ އާމްދަނީ އެއްކޮށް ހުއްޓޭނެ ކަމެއް ކަމަށެވެ. އެހެންވެ އެފަދަ ހުއްދައެއް ދޭން ފެށުމުގެ ކުރިން މަސްވެރިންނާއި އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމުމަށް ގޮވާލާފައިވެ އެވެ.

އެމްޑީޕީން ބުނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލޭނު މަސްވެރިކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދިވެހި ކަނޑުތައް އޮތީ ވިއްކާލާފައި ކަމަށެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކަނޑުތަކުގައި ގާނޫނާއި، ގަވާއިދުތަކާއި، ބައިނަލްއަގްވާމީ މުއާހަދަތަކާ ހިލާފު އެތަކެއް ނޭދެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މި ޕާޓީން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ލޭނު މަސްވެރިކަން ހުއްޓުވީ މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެކަމުގައި ހުރުމުން މަސްވެރިންނަށް އިޖާބަ ދިނުމުގެ ގޮތުންނެވެ،" އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ބޭރުގެ މީހުންނަށް ދިވެހި ކަނޑުތަކުގައި ލޭނު މަސްވެރިކަން ކުރުން ހުއްޓުވިކަން ފާހަގަކޮށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރަން ނިންމާފައިވާ ކޯލްޑް ސްޓޯރޭޖުތަކާއެކު މިފްކޯގެ ކެޕޭސިޓީ ދެގުނަ ކުރުމަށް ފައިސާ ހޯދާފައިވާ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށްވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.

އެމްޑީޕީން ބުނީ އިނގިރޭސިވިލާތާއެކު އެމްޑީޕީގެ ސަރުކާރުން ގާއިމުކުރަން މަޝްވަރާ ކުރަމުންދިޔަ ފްރީ ޓްރޭޑް އެގްރީމެންޓުގެ ސްކޯޕް ފުޅާކުރުމުގެ ނަމުގައި އެ މަޝްވަރާތައް މަޑުޖައްސާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވެ އެކަން ހުއްޓާލައި ވީހާވެސް އަވަހަށް އެ އެއްބަސްވުން ގާއިމުކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށްވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.

"ހަމައެހެންމެ މި ޕާޓީގެ ވެރިކަމުގައި 'ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް'ގެ މެމްބަރުކަން ރާއްޖެއިން ހޯދާފައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް ބޭރުކުރާ ދިވެހި މަހުން ޑިއުޓީ ކަނޑާލުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އެ ޖަމުއިއްޔާގެ ފުރިހަމަ މެމްބަރުކަން ރާއްޖެއަށް ލިބިފައިވާއިރު ފުރިހަމަ ކުރަންޖެހޭ އެހެނިހެން މަރުހަލާތަކަށް ފަހު ރާއްޖޭގެ މަހުން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ވީއެންމެ އަވަހަށް ޔޫރަޕިއަން ޔޫނިއަންގައި އެދުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ނާގާބިލުކަމުގެ ސަބަބުން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށެވެ. އެހެންވެ މަސްވެރިން ކިރުވި މަހަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ބޮޑު އީދުގެ ކުރިން ޖަމާކުރުމަށްވެސް ގޮވާލާފައިވެ އެވެ.

"މަސްވެރިންގެ ހައްގުތައް ހޯދައި އިންޑަސްޓްރީ ހިމާޔަތް ކުރުމަށް އިހުތިޖާޖުކޮށް އެ މީހުންގެ އަޑުއުފުލުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައި އޮންނަން ޖެހޭނެ އެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްވެ ކުރަމުންދާ މުޒާހަރާއަށް ފުރުސަތު ދީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ހޯދައިދިނުމަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.