ފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީ އިން ޖުލައިގެ ނިޔަލަށް 11 ޓަވަރު ސަރުކާރާ ހަވާލުކުރަނީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހަދަމުންދާ ޓަވަރުތަކުގެ ތެރެއިން 10 ޓަވަރުގެ އޮނިގަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެފްޑީސީއާ ހަވާލުކޮށްފައިވަނީ 32 ޓަވަރު އެޅުމަށެވެ. އެފްޑީސީ އިން މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އަދި ޖޭއެމްސީއާ ހަވާލުކޮށްގެންނެވެ.

އެފްޑީސީ އިން މިހާރު ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން 11 ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމުމަށްފަހު ސަރުކާރާ ހަވާލުކުރުމަށެވެ.

އެފްޑީސީ އިން މިހާރު ވަނީ ހުރިހާ ޓަވަރެއްގައި ވެސް ސުޕަ ސްޓްރަކްޗާގެ މަސައްކަތް ފަށާފަ އެވެ.

ހުޅުމާލޭގައި ހަދަމުންދާ ޓަވަރުތަކުގެ މަސައްކަތްތަކަށް ބަލާއިރު މިމަސް ނިމުމުގެ ކުރިން ހަތަރު ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެފްޑީސީ އިން ކުރިން ހާމަކޮށްފައިވެ އެވެ. އެއީ 512 ވަރަކަށް ފްލެޓެވެ.

އެފްޑީސީ އިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މިމަޝްރޫއު އަވަހަށް ނިންމުމަށް ކަމަށްވާތީ އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރެވި މަޝްރޫއުގެ ދުވެލި ބާރު ކުރެވިފައިވާ ކަމަށްވެސް އެފްޑީސީ އިން ބުނެފައިވެ އެވެ.

މަޝްރޫއުގެ ހުލާސާއެއް

ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.

އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.