ޑރ. މުހައްމަދު މުއިއްޒު

ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން އެހީވާނަން: ޕާކިސްތާންގެ ބޮޑުވަޒީރު

ރާއްޖެއަށް މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ޕާކިސްތާންގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް ދެއްވައިފި އެވެ.

ޕާކިސްތާނުން މިފަދަ ޔަގީންކަމެއް ދީފައި މިވަނީ ބޮޑުވަޒީރު އަންވާރުލް ހައްގު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާ ގައެވެ.

ދެ ބޭފުޅުންގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ. އަދި ބައިނަލްއަގްވަމީ މަސްރަހުގައި ދެ ގައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންނާއި އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމާ ގުޅޭގޮތުންވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަދެއްކެވި އެވެ.

ރާއްޖެއިން ޕާކިސްތާނާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 26 ޖުލައި 1966 ގައެވެ.