ހަބަރު

ބްރިޖްގެ މަސައްކަތަށް އަޑި ޕާކު ސަރަހައްދު ފެންސު ޖަހައި ބަންދުކޮށްފި

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އެޅުމުގެ މަސައްކަތް ކުރުމަށް އަޑިޕާކު ސަރަހައްދުގައި ފެންސު ޖަހައި އެ ސަރަހައްދަށް މީހުން ނުވެދެވޭ ގޮތަށް ބަންދުކުރަން ފަށައިފި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅޫމުގެ މަސައްކަތް ކުރާ ކުންފުނި ސީސީސީސީއަށް ސަރުކާރުން ވަނީ އަޑިޕާކު ސަރަހައްދާއި އުސްފަސްގަނޑުގެ ބައެއް ދީފަ އެވެ. ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ އެސަރަހައްދު ބޭނުން ކުރާނީ އެކުންފުނީ މުވައްޒިފުން ދިރި އުޅުމަށާއި އޮފީސް އިމާރަތް ކުރުމުގެ ކަންތައްކުގެ އިތުރުން ބްރިޖަށް ބޭނުންވާ ބައެއް ސާމާނު އެއް ކުރުމަށް ކަމަށެވެ.

އެގޮތުން މިއަދު ވަނީ އަޑި ޕާކު ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޯޑެއް ބަހައްޓައި، ހުއްދަ ނެތި ވަނުންމަނާ ބޯޑެއްވެސް ވަނީ ބަހައްޓައިފަ އެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ އަޑި ޕާކު ސަރަހައްދު މިހާރު ހުރީ އެންމެ ރީތި ގޮތަކަށް ނޫން ކަމަށާއި ނަމަވެސް ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި އެ ސަރަހައްދު ފެނިގެންދާނީ ވަރަށް ތަފާތުކޮށް ކަމަށެވެ.

"އެތަން މިހާރު އެހާ އޮގަނައިޒް ކޮށް ނެތަސް ދެހަފްތާ ތެރޭގައި ވަރަށް ރީތިކޮށް މަސައްކަތް ތަރުތީބުވެގެން އަދި ފެންސުތައް ޖަހައި ވޯކިން ސައިޓެއްގެ ގޮތަށް ނިމިފައި ހުންނަތަން ފެންނާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ބްރިޖުގެ ތަނބުތައް ޖަހަން ފެށުމަށް ބޭނުންވާ ބޮޑެތި ހެވީ މެޝިނަރީތައް ހިފައިގެން އައި ބޯޓް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އަދި އެ އުޅަނދުގައި ހުރި ހެވީ މެޝިނަރީތައް ރާއްޖެއަށް ބޭލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މުއްތަލިބު ވިދާޅުވީ ގޮތުގައި ގެނައި މެޝިނަރީޒް ތައް ބަހައްޓާނީ އަޑި ޕާކު ސަރަހައްދުގައި ނޫން ކަމަށާއި އެއެއްޗެހި ބޭނުން ކުރާނީ ކަނޑުގައި ކުރާ މަސައްކަތްތަކަށް ކަމަށެވެ.