ފްލެޓް މައްސަލަ

ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ހަވާލުކުރަން އޭސީސީ އިން ހުއްދަ ދީފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މަސައްކަތް ފަށާފައިވާ 4،000 ފުލެޓް ލިބޭ މީހުންނަށް ފްލެޓް ހަވާލުކުރުން ކުރިއަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްދަ ދީފި އެެވެ.

އޭސީސީ އިން މި ފްލެޓްތައް ހަވާލުކުރުން ހުއްޓުވީ ރައީސް ސޯލިހްގެ ސަރުކާރުން ފްލެޓް ލިބޭ މީހުން ކަނޑައަޅައި އެ ލިސްޓް ގެޒެޓްކޮށް ގުރުއަތުލައިގެން ފްލެޓް ހަވާލުކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

އޭސީސީގެ ތަހުގީގުގެ ބޭނުމަށް ފްލެޓް ހަވާލުކުރުން ހުއްޓުވާފައިވާތާ ތިންމަސް ވާން ކައިރިވެފައި ވަނިކޮށް އޭސީސީ އިން މިއަދު ވަނީ ފްލެޓް ހަވާލުކުރުން ކުރިއަށް ގެންދަން ހުއްދަދީ ހައުސިން މިނިސްޓްރީއަށް އެކަން އަންގާފަ އެވެ.

މީޑިއާއަށް މިރޭ އޭސީސީ އިން ފޮނުވި މެސެޖެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓް ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް ހައުސިން މިނިސްޓްރީއަށް ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ.

އެގޮތުން އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން މައްސަލަހުރި ފޯމުތައް މުރާޖައާ ކުރުމަށާއި، މުރާޖައާކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށްވެސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އޭސީސީ އިން ފްލެޓް ހަވާލުކުރުން ހުއްޓުވާލިއިރު ކުރީ ސަރުކާރުގައި މިމަސައްކަތުގައި އިސްކޮށް އުޅުނު ބައެއް މީހުންނަށް އޭސީސީގެ ބައެއް ބޭފުޅުން ކުރިން ޖިނާއީ ތުހުމަތުތަކެއް ކުރި އެވެ. އަދި އެފަދަ ބައެއް ބޭފުޅުން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރި ކަމަށްވެސް އެނގިފައިވެ އެވެ. ނަމަވެސް އޭސީސީ އިން މިރޭ މީޑިއާއަށް ފޮނުވި މެސެޖުގައި މިމައްސަލަ އެއްކޮށް ނިންމި ކަމަކަށް ބުނެފައެއް ނުވެ އެވެ. އަދި އެއްވެސް މީހަކަށް ޖިނާއީ ދައުވާއެއް ކުރަން ނިންމި ކަމަކަށްވެސް ބުނެފައެއް ނުވެ އެވެ.

އޭސީސީ އިން ކުރިއަށް ގެންދިޔަ ފްލެޓްތަކުގެ ތަހުގީގާ ގުޅޭ ގޮތުން ބައެއް މައުލޫމާތު އިތުރަށް ސާފުކުރަން ބޭނުންވި ނަމަވެސް އޭސީސީގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރެއިން 13،000 މީހުން ފްލެޓަށް ޝަރުތު ހަމަވި އެވެ. ނަމަވެސް ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓްގެ ތެރެއިން ނިންމުމުގެ މަރުހަލާގައި އަދި ވަނީ މަދު ފްލެޓްތަކެކެވެ.

މިފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން އެންގުމުން މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް ފްލެޓް ހަވާލުކުރުން އޭސީސީ އިން ހުއްޓުވީ ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުމުގެ ރަސްމިއްޔާތު މިދިޔަ ސަރުކާރުގައި ފަށައިގެން ކުރިއަށް ދަނިކޮށް މިދިޔަ ނޮވެމްބަރުގެ ތެރޭގައެވެ.

މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ލިސްޓް އާންމުކޮށް، ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުންގެންދާ 4،000 ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށް ކަމަށެވެ.