އޭސީސީ

ފްލެޓް ލިބުނު 59 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވޭ: އޭސީސީ

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 59 ޕަސަންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފި އެވެ.

ފްލެޓްތަކުގެ މައްސަލައާއި ގުޅޭ ގޮތުން އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުން ހާމަކުރި ގޮތުގައި އެ ކޮމިޝަނުން ތަހުގީގުކުރި 4،048 ފޯމުގެ ތެރެއިން 59.6 ޕަސަންޓް ފޯމުގެ -- ގާތްގަނޑަކަށް 2،400 ފޯމުގެ ޝަރުތު ހަމަނުވެ އެވެ.

ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސަންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެގޮތުން މައުލޫމާތުގެ ފުށު އެރުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނި ގޮތުގައި ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަވަނީ 20.7 ޕަސަންޓް ފޯމުގަ އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4،000 ފުލެޓް ލިބޭ މީހުންނަށް ފްލެޓްތައް ހަވާލުކުރުން ހުއްޓުވުމަށްފަހު ފްލެޓްތައް ހަވާލުކުރުން ކުރިއަށް ގެންދަން އޭސީސީން މިހާރު ވަނީ ހުއްދަ ދީފަ އެވެ.

މިފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން އެންގުމުން މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. ނަމަވެސް ފްލެޓް ހަވާލުކުރުން އޭސީސީ އިން ހުއްޓުވީ ފްލެޓް ހަވާލުކުރުމަށް ގުރުއަތުލުމުގެ ރަސްމިއްޔާތު މިދިޔަ ސަރުކާރުގައި ފަށައިގެން ކުރިއަށް ދަނިކޮށް މިދިޔަ ނޮވެމްބަރުގެ ތެރޭގައެވެ.