ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ގަތަރާއި މިސްރު އިސްވެ އިޒުރޭލު އަދި ހަމާސްއާ ދެމެދު ކުރަމުން ގެންދާ މަޝްވަރާތަކުން އެކަށީގެންވާ ހަރުދަނާ ނަތީޖާއެއް ނިކުންނާނެ ކަމަށް ގަތަރުން ބުނެފި އެވެ.
މަޝްވަރާތަކުގައި ބައިވެރިވާ ގަތަރުގެ އޮފިޝަލުން ބުނާ ގޮތުން ޣައްޒާ ހަމަލާތައް ހުއްޓާލުމަށް އިޒުރޭލަށް ހުށަހެޅި ޝަރުތުތައް ޔަހޫދީން ވަނީ ގަބޫލުކޮށްފަ އެވެ. އަދި ހަމާސްއަށް ހުށަހެޅި ޝަރުތުތައް އެ ޖަމާއަތުން ވެސް ވަނީ ގަބޫލުކޮށްފަ އެވެ.
ގަތަރުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވި ގޮތުން ބުރާސްފަތި ދުވަހު މަޝްވަރާތައް ނިމުނުއިރު އޮތީ ކޮޅެއްގައި ޖެހި، މަސްރަހު ފިނިކުރެވިދާނެ ކަމުގެ އުއްމީދު އާވެފަ އެވެ.
ގަތަރާއި މިސްރުން ހަމާސްއަށް ހުށަހެޅި ޝަރުތުތައް އެ ޖަމާއަތުން ގަބޫލުރީ ތިން ވިޔަވައްސަކަށް ބަހާލާ ގޮތަށެވެ. ފުރަތަމަ ޝަރުތަކީ 40 ދުވަހަށް ހަމަލާތައް ހުއްޓާލުމެވެ.
މި ފިޔަވަހީގައި ޔަހޫދީ އަސީރުންގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްމީ މީހުން ހަމާސްއިން މިނިވަންކުރާނެ އެވެ. އަދި ޣައްޒާއަށް އެހީ ވެއްދުމަށް ޔަހޫދީން އެއްގޮތަކަށްވެސް ހުރަސްއަޅައިގެން ނުވާނެ އެވެ.
ދެވަނަ ފިޔަވަހީގައި ހަމާސް އިން އަސީރުކޮށްފައި ތިބި ޔަހޫދީ ސިފައިންނާއި މަރުވެފައި ތިބި އަސީރުންގެ ހަށިތައް އިޒުރޭލާ ހަވާލުކުރާނެ އެވެ. މި ފިޔަވަހީގައި ވެސް ޣައްޒާއަށް ވައްދާ އެހީގެ ޕެކޭޖްތަކަށް ޔަހޫދީން ހުރަސްއަޅައިގެން ނުވާނެ އެވެ.
ތިންވަނަ ފިޔަވަހީގައި ދެ ފަރާތުން ހަމަލާތައް މުޅިން ހުއްޓާލަން ޖެހެ އެވެ. އަދި ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްތީން މީހުން މިނިވަންކުރުމަށް މަޝްވަރާތައް ފަށަން ޖެހެ އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާތައް މިހިސާބަށް އައިއިރު ހުށަހަޅާފައި ހުރި މާއްދާތަކުގައި ޔަހޫދީ އަސްކަރިއްޔާ ޣައްޒާއިން ފައިބައި ތަން ހުސްކުރާ ވާހަކައެއް ނެތެވެ. އަދި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި އޮތް ވިދާޅުވުން -- ހަމާސް ނައްތާލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައި އޮތް ވިދާޅުވުމާ ބެހޭ ތަފުސީލެއް ނެތެވެ.
ހަމާސްއަށް ދޫދިން ކަމަށް ދޭހަވާ އެއްވެސް މާއްދާއެއް މަޝްވަރާ ކަރުދާހުގައި ނެތެވެ. މިއީ ނަތަންޔާހޫގެ ކެބިނެޓް ވަޒީރުންވެސް އެދިވަޑައިގެންފައި އޮތް ގޮތެވެ. ގިނަ ވަޒީރުން ބޭނުންވަނީ ހަމާސްއަށް އެއްވެސް ދުލެއް ނުދިނުމަށެވެ.
ސުލްހައިގެ އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި އޮތީ ޣައްޒާގެ އާންމުންނަށެވެ. އާންމުންނަށް ވަސީލަތްތައް ފޯރުކޮށްދިނުން އަވަސްކުރުމަށްވެސް އޮތީ ގޮވާލާފަ އެވެ.