ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެންމެ ލަސްވެގެން މިއަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޭބުމަށް ރާއްޖެއާއި އިންޑިއާ އެއްބަސްވެއްޖެ އެވެ.
ދިވެހި ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބޭފުޅުން މިއަދު އިންޑިއާގައި ބައްދަލުކުރެއްވުމަށްފަހު އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ކުރިއަށް އޮތް މާޗް މަހު އަދި ފަހު ގުރޫޕް މިއަހަރުގެ މެއި 10 ވަނަ ދުވަހު ބޭލުމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ހާމަކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި އެވެ. މިއަދުގެ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން ނެރުނު ބަޔާނުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ވަކި ތާރީހަކަށް އެއްބަސްވީ ކަމަކަށް ބުނެފައެއް ނުވެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިއްލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިންނާއި އިގްތިސާދީ ދާއިރާ އިން އަދި ތަރައްގީގެ ކަންކަމުގައި ގުޅުން ރަނގަޅުކޮށް ބަދަހިކުރުމަށް މިހާރު ހެދިފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ސިއްހީ ބޭނުންތަކުގައި މީހުން އުފުލުމުގެ ކަންކަމުގައި ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި އިންޑިއާ އިން ބުނާ އެއްވެސް ވާހަަކައެއް ނެތެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންގެ މެދުގައި އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ރާއްޖޭގައެވެ. އިންޑިއާގައި މިއަދު ދެވަނަ ބައްދަލުވުން ބޭއްވިއިރު ތިންވަނަ ބައްދަލުވުން މިމަހުގެ ފަހު ހަފްތާގައި ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.