ދަ ޑިމޮކްރެޓްސް

ފިރުޝާނާއި ސައިފް ޓިކެޓް ކަށަވަރުކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް ދަ ޑިމޮކްރެޓްސްގެ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ފިރުޝާން ވާދަކުރައްވަނީ ހުޅުމާލެ ދެކުނު ދާއިރާ އަށެވެ. ސައިފް ވާދަކުރައްވަނީ ހެންވޭރު ދެކުނު ދާއިރާ އަށެވެ.

މިއަދު ބޭއްވި ޑިމޮކްރެޓުންގެ ޕްރައިމަރީގައި ފިރުޝާން ވަނީ 74 ވޯޓު ހޯއްދަވާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ހަސަން އަގީލްއަށް ލިބުނީ 27 ވޯޓެވެ. ތިންވަނަ އަށް ދިޔަ މުހައްމަދު ފައިސަލް އަށް ލިބުނީ 26 ވޯޓެވެ.

ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވި ސައިފް ފާތިހަށް ލިބުނީ 15 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް އަހްމަދު އަސްވަން ނުއުމާން އަށް ލިބުނީ 12 ވޯޓެވެ.

ޑިމޮކްރެޓުން މިއަދު ޕްރައިމަރީ ބާއްވަން ޖެހުނީވެސް ހުޅުމާލެ ދެކުނު ދާއިރާގައި އާއި ހެންވޭރު ދެކުނު ދާއިރާގައެވެ.

ޑިމޮކްރެޓުންގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް ފުރުސަތު ހުޅުވާލުމުން 41 ދާއިރާ އަކަށް 46 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނު ބޭފުޅުންނަށް އެ ޕާޓީން މިހާރު ވަނީ އެކަން އަންގާ ޓިކެޓްވެސް ހަވާލުކޮށްފަ އެވެ.

އެއްވެސް ބޭފުޅަކު ކުރިމަތި ނުލާ ދާއިރާތަކަށް ކުރިމަތިލުމަށް ޑިމޮކްރެޓުން ވަނީ އަލުން ފުރުސަތުވެސް ހުޅުވާލާފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.