ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓުންނަށް އެއްވެސް ގޮނޑިއެއް ނުލިބުނު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާތައް މިހާރު ލިބެމުންދާއިރު ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުވާނެކަން ޔަގީންވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި 39 ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓްގައި މަޖިލީހުގައި ތިން ދައުރު މެންބަރުކަން ކުރެއްވި އީވާ އަބްދުﷲ އާއި، އިމްތިޔާޒް ފަހްމީ އާއި އަލީ އާޒިމްވެސް ވާދަކުރެއްވި އެވެ. ޑިމޮކްރެޓްސް ޕާޓީގެ ރައީސް އަދި މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ މެންބަރު ހަސަން ލަތީފްވެސް މި އިންތިހާބުގައި ވާދަކުރެއްވި އެވެ.

ދަ ޑިމޮކްރެޓްސް އަކީ އިދިކޮޅު އެމްޑީޕީގެ ތެރެއިން ވަކިވެގެން ދިޔަ މެންބަރުންތަކެއް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އުފެއްދި ޕާޓީ އެކެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް މިވަގުތު ހުންނެވީ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައެވެ.