ރިޔާސީ ބަޔާން

ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް އެމްޑީޕީ މެންބަރުން ނުދާން ނިންމައިފި

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައިވެރި ނުވާން ނިންމައިފި އެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

އެމްޑީޕީން މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ވަނީ އަވަސްއަށް ޔަގީންކޮށްދެއްވާފަ އެވެ.

އެމްޑީޕީގެ މެންބަރަކު ވިދާޅުވީ ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެ ޕާޓީން ހިތްހަމަ ނުޖެހޭ ގޮތަށް އެތައް ކަމެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެހެންވެ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުމުގެ ބަދަލުގައި އެ ޖަލްސާއަށް ނުދާން ނިންމީ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައެއް މެންބަރުން ވަރަށް ބޮޑަށް ނުރުހޭ ވަޒީރުންގެ މައްސަލައިގައި ސަރުކާރުން އަމަަލުކުރި ގޮތުން. އެހެންވެ އެކަމާ ދެކޮޅަށް މަޖިލީހުގައި އަޑުއުފުލުމުގެ ބަދަލުގައި އަޅުގަނޑުމެން ނިންމީ ނުދާން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގައި އެންމެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާ ޕާޓީ އަކީ އަދިވެސް އެމްޑީޕީ އެވެ.