އެކަނިވެރި މައިންނަށް ދައުލަތުން ދޭ އިނާޔަތް އަންނަ އަހަރު ބޮޑުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ރައީސް ޑރ. މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ގައި އެމަނިކުފާނަށް މިއަދު ސުވާލު އަމާޒުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމާ ގުޅޭގޮތުންނެވެ.
ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ އެކަނިވެރި މައިންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދަކަށްވާތީ އެކަން ކުރައްވާނެ ކަމަށެވެ. އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރުމަށް މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރެވޭނީ އިގުތިސޯދު ރަނގަޅުކުރުމަށް ހުރި ކަންކަން ކުރުމަށްފަހު އަންނަ އަހަރު ކަމަށެވެ.
"މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރުވެސް މަސައްކަތްކުރެވިގެން ދަނީ. [އެއީ] އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ޔަތީމު ކުދިންނާއި މުޖުތަމައުގައި އެކި ގޮތްގޮތަށް ހަވާސާ ވެފައިވާ ކުދިންނަށްވެސް މިސަރުކާރުގައި ކުރިއަށް ވުރެ ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
އެކަނިވެރި މައިންނަށް ފުރަތަމަ ފަހަރަށް ދައުލަތުން އެލަވަންސެއް ދޭން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ވަނީ އެލަވަންސް ދިނުމުގައި ބައެއް ބަދަލު ގެނެސްފަ އެވެ. އެގޮތުން ތިބި ކުދިންގެ އަދަދަށް ބަލައި ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުން މަހެއްގެ މައްޗަށް އެފަދަ އާއިލާއަކަށް ގިނަވެގެން 3،000 ރުފިޔާ ދިނުމަށް ނިންމެވި އެވެ. އޭގެފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު 10،000 ރުފިޔާ އިތުރުކުރަން ނިންމާފައިވެ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގަތީ މިހާރު ޖުމްލަ އަދަދު 12،000 ރުފިޔާއަށް އިތުރުކުރުމަށެވެ.