- ހޯދުމުގެ ސަބަބުން ކެމިކަލް ބޭނުމެއް ނުވޭ
- ގަހުގެ ބުޑުގައި އިތުރު ގަސްތަކެއް އިންދާ
- އިންދަނީ ގަނދަކޯޅި، ސަނދުބަރަކަ އަދި އޮރިގާނޯ
ރާއްޖޭގެ ބާޒާރުގައި މިރުހުގެ އަގު އުފުލުމުގެ އެއް ސަބަބަކީ މިއީ އެވެ. ޒާތެއްގެ ބަލިމަޑުކަމުން މިރުސް ގަސްތައް މަރުވަނީ އެވެ. މިކަމުން ސަލާމަތްވާން ދަނޑުވެރިން ބޭނުންކުރަނީ ބާރުގަދަ ކެމިކަލް ތަކެވެ. ނަމަވެސް މި ކެމިކަލް ބޭނުންނުކޮށް ރަނގަޅު ކުރާ ގޮތެއް ދިވެހި ދަނޑުވެރިއެއް ކަމަށްވާ ގަމީރާ އާދަމް މިވަނީ ހޯދާފަ އެވެ.
"މިއީ ދަނޑުވެރިކަމުގެ ދާއިރާ އިން ލިބުނު ބޮޑު ކުރިއެރުމެއް. ރާއްޖޭގައި މިރުސް ނުހެއްދިގެން އުޅެނީ ޖެހިގެން އުޅޭ ވަރުގަދަ ބައްޔެއްގެ ސަަބަބުން ނަމަވެސް މިހާރު މި އީޖާދުގެ ސަބަބުން ހުރިހާ މީހުންނަށް ވެސް މީގެ ފައިދާ ކުރާނެ،" ދަނޑުވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ލިބިފައިވާ ގަމީރާ ބުންޏެވެ.
ގަމީރާ ކުރީ ކޮން އީޖާދެއް؟
މިރުސް ގަސްތައް ރަނގަޅު ކުރުމަށް މިއަދާ ހަމައަށް ވަރަށް ބާރުގަދަ ދެ ބާވަތެއްގެ ކެމިކަލެއް ބޭނުން ކުރެ އެވެ. މި ކެމިކަލް ބޭނުން ކުރުމުގެ ގަސްތަކުގައި ހުރި ބަލި ރަނގަޅުވެ އެވެ. ނަމަވެސް ގަމީރާގެ އީޖާދު ވަރަށް ސިމްޕަލް އެވެ. އޭނާވަނީ މި ބަލިން މިރުސް ގަސްތައް ސަލާމަތް ކުރުމަށް ގަހުގެ ކައިރީގައި އިތުރު ގަސްތަކެއް އިންދަނީ އެވެ.
"ކުރިން ބޭނުން ކުރި ކެމިކަލްގެ ބަދަލުގައި މިރުސް ގަސް ކައިރީގައި އިންދައިގެން މި އުޅެނީ ގަނދަކޯޅި ގަހާއި ސަނދުބަރަކަ އާއި އޮރިގާނޯ ގަސް. މި ޓެކްސްތައް ކުރާތާ ހަތް މަސް ވެއްޖެ،" ގަމީރާ ބުންޏެވެ.
އޭނާ ބުނީ މިރުސް ގަސްތަކުގެ ކައިރީގައި މި ތިން ވައްތަރުގެ ގަސް އިންދުމުން ބަލި ރަނގަޅުވެފައިވާ ކަމަށެވެ.
"މިކަން ހޯދުމުމުން އަޅުގަނޑުގެ ދަރިން ލައްވައި އިންޓަނެޓުން ސާޗްކޮށްގެން ބެލީ މީގެ ހަގީގަތް. ބެލިއިރު ސައިންސްވެރިން ވެސް އެބަހުރި މިފަދަ ހޯދުންތައް ހޯދާފައި،" ގަމީރާ ބުންޏެވެ.
"އާއްމުކޮށް މިރުސް ގަހަން ޖެހެނީ ވައިގެ ތެތްކަމުގެ ސަބަބުން ޖެހޭ ބައްޔެއް މިއަށް މިކިޔަނީ ކޮޅުވައްޓާ. މީގެ ސަބަބުން ގަސްތަކުގެ ފަތްތައް ގާވެ، ގުރުޓުވޭ. އަދި ހުދު ދޫނިތަކެއް ގަހުގައި އަޅާނެ. މިކަމުން ސަލާމަތްވުމަށް މި ޖަހަނީ ޓަފުގޯ ކިޔާ ބާރުގަދަ ކެމިކަލެއް. މި ކެމިކަލް ހަފުތާއެއްހާ ދުވަހު މި ރަނގަޅުވަނީ. މީގެ ސަބަބުން ގަސްތައް ރަނގަޅުވޭ،" ގަމީރާ ބުންޏެވެ.
އޭނާ ވިދާޅުވީ މިރުހަށް ޖެހޭ ބަލިން ސަލާމްވުމުމަށް މި ގަސްތައް ޖެހުމުން މީރުވަހެއް މިރުސް ދަނޑުގައި ފެތުރިގެންދާ ކަމަށެވެ.
"މިއީ ދަނޑުވެރިކަމުގެ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ވަރަށް ގިނަ މީހުން ގުޅާ މިރުހަށް ޖެހޭ ބަލިން ސަލާމް ވާނެ ގޮތެއް ހޯދަން،" ގަމީރާ ވިދާޅުވި އެވެ.