ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ގުނަމުން މިދަނީ އެންމެ ހައްސާސް ވަގުތުކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ގުރައިދޫއަށް މިއަދު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު ދުވަހަކުވެސް ވައްޓާނުލާ ވަރުގެ ފުން އަނދަކަށް ވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބަލާއިރު އެ ހަގީގަތް ރައްޔިތުން ގަބޫލުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"މިދިޔަ ސަރުކާރުން މި ވާރުތަވި މުޅިން ހަލާކުކޮށްލާފައި އޮތް އިގްތިސާދު މުޅިން ދަރަނިވެރިކޮށްލާފައި އޮތް އިގްތިސާދު އެއީ ހަގީގަތް ނޫން ކަމަށް ގަބޫލުކޮށްގެން އަޅުގަނޑުމެން ދާން އުޅެފިއްޔާ ލިބޭނެ މޮޅެއް ނޯންނާނެ. އެހެންވީމާ އެމަގުން ކުރިއަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމަށްވީ ނަމަވެސް އިގްތިސާދީ ހާލަތު އޮތް ގޮތް ރައްޔިތުންނަށް އޮޅުވާލައިގެން "ކަނޑަ" ޖަހާ އުސޫލުން އެއްވެސް ކަމެއް ކުރެއްވުމަށް ބޭނުން ނުވާ ކަމަށެވެ. އެމަނިކުފާނު ކަންކަން ކުރައްވާނީ ތަަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށް ހަގީގީ މާނައިގައި ކަމަށާއި އެނޫން ގޮތަކަށް ކުރައްވާނަމަ އެއީ އަމިއްލަ ނަފްސަށް ވެސް އޮޅުވާލުން ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ގެންނެވި ގޮތުން ގައުމުގެ އިގްތިސާދީ ހާލަތު މިވަގުތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށް އެނގިގެން ދިޔަ އެވެ.
"ކުރިއަށް މިއޮތް ދެމަހެއްހާ ދުވަސް ދެތިން މަސް ދުވަސް އެންމެ އުދަނގުލީ ކަންދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީ ހޯދުމުގެ ކަންތައްތައް ވަރުގަދަކުރަންޖެހިފައި އޮތް މިދަނޑިވަޅުގައި އެންމެ ހައްސާސް ވަގުތު މި. އެހެންވީމާ މިކުރަން ނިންމާފައި ހުރި ކަންކަން ކުރުމުގައި ކުރިއަށް ދާއިރުގައި މިދެންނެވި ބީދައިން އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ މިއަަހަރުގެ ބާކީ އޮތް ބައި ދެވަނަ ކުއާޓަރުން ފެށިގެން ގޮސް ތިންވަނަ ކުއާޓަރު ނޫނިއްޔާ މިދަންނަވާހެން މެއި، ޖޫން، ޖުލައި ހިސާބު އަދި އެއަށްވުރެ ފަހަށް، ޖުލައިގެ ފަހަށް އިރާދަކުރެއްވިއްޔާ މާބޮޑަށް ފަސޭހަ ވެގެންދާނެ،" އިގްތިސާދީ ހާލަތު ގޯސްކަން ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރަނގަޅަށް ހިނގާ އޮތީ ދެ ކުންފުންޏެއް ވަރު ކަމަށެވެ. ގިނަ ކުންފުނިތަކުން އެތައް ބަޔަކަށް ފައިސާ ދޭންޖެހި ނުދެވި ދަރާފައިވާ ކަމަށާއި އެ ހާލަތަށް ކުންފުނިތައް ގޮސްފައިވަނީ "މިސް މެނޭޖުމަންޓް"ގެ ސަބަބުން ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ހެޔޮ ނިޔަތާ އެކު ހުރިހާ މައްސަލަތަކެއް ހަމައަކަށް އަޅުވައިގެން ހަގީގީ ނަތީޖާ ނެރެވޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް ފެށުން ދެ މަހަށް ފަސްކުރެއްވީ ގައުމުގެ އިގްތިސާދީ ހާލަތު އޮތް ގޮތުން ބޭރު ގައުމުތަކާއި މާލީ އިދާރާތަކާއި ޖަމާއަތްތަކާ ގުޅިގެން ގައުމުގެ އިގްތިސާދު ހަަމައަކަށް އެޅުވުމުގެ މަސައްކަތުގައި ކަމަށެވެ. އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ޗައިނާއާއި ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އިގްތިސާދަށް ފަހިވާ އެތައް ކަމެއްގައި އެހީތެރިކަން ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑުމެންނަށް ވަރަށް އީޖާބީ ކަންތައްތަކެއް ތުރުކީ އަދި ޗައިނާ ދެ ގައުމުގެ ވެރިންގެ ފަރާތްޕުޅުން ހަމަޖެހިގެން ގޮސްފައި މިވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު މިމަހުގެ ތެރޭގައި އަދި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށްފަހު މިމަހުގެ ފަހު ހަފްތާގެ ތެރޭގައި އެމަނިކުފާނު އަލުން އަތޮޅު ތެރެއަށް ގާތްގަނޑަކަށް އެއް މަސް ދުވަހަށް ދަތުރު ކުރައްވާނެ ކަމަށެވެ. މިދަތުރުތަކުގައި ހުރިހާ އަތޮޅެއްގެ ވީހާވެސް ގިނަ ރަށަކަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.