ތ. ގުރައިދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާންކުރެއްވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު ތ. ގުރައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުުރުފުޅުގައި ގުރައިދޫއަށް ވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓު ހޯދައިދޭ ރަށަކަށް އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުންނެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ރައީސް މުއިއްޒަށް ލިބިވަޑައިގަތީ ތ. ގުރައިދޫންނެވެ.
ތ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ. އަދި އެރަށާ މާދުރު ނޫން ހިސާބެއްގައި އޮތް ތ. ވިލުފުށީގައި އެއާޕޯޓެއް އެޅުމަކީވެސް ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ގުރައިދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެ ކަމަށެވެ. އެމަނިކުފާނު ރިޔާސީ ކެމްޕޭންގައި ގުރައިދޫއަށް ވަޑައިގަތީމާ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދުނީ
"އަޅުގަނޑުމެންނަށް ގާނޫނީ އިމުގެ ތެރެއިން ކަންކުރެވޭނެ ގޮތް ހޯދޭނެ. ހޯދާނަން. ހޯދާފައި އިރާދަކުރެއްވިއްޔާ މިއަހަރު މަސައްކަތް ފަށާނަން. ތިބޭފުޅުންނަށް އެންމެ މުހިއްމު އަޅުގަނޑު ގާތުގައި ދެންނެވި ކަމަކީ އެއީ. އެކަން ކުރާނެ ކަމަށް އަޅުގަނޑު ދެންނެވި. އެކަން އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" ގުރައިދޫ އެއާޕޯޓް މަޝްރޫއު މިއަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުވުމުން މިހާރު އޮތް އެމްޑީޕީގެ އަގުލަބިއްޔަތު އޮތް މަޖިލީހުން އެކަމަށް ފައިސާ ނުދިންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގުރައިދޫ އާއި އަދި އެހެން ރަށްރަށުގައި އެ ރަށެއްގެ ރައްޔިތުން ކުރަން ބޭނުންވާ ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތަށް ކުރަން ހުރި ކަންކަން އިސްކަންދޭ ގޮތަކަށް ތަރުތީބު ކުރައްވައި ކަމާ ގުޅޭ މިނިސްޓްރީތަކާ ހިއްސާކުރުމުން އެކަންކަން އިގްތިސާދީ ހާލަތު ހުރި ގޮތަކަށް ބަލައި ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިއަހަރު އިތުރު ޑޮމެސްޓިކް އެއާޕޯޓެއްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ. ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ފަރާތުްނ އަވަސް އަށް އެނގިފައިވާ ގޮތުގައި ގުރައިދޫގެ އިތުރުން މިއަހަރު އަމަލީ މަސައްކަތް ފަށާ އެއާޕޯޓަކީ ފ. ނިލަންދޫ އެއާޕޯޓްގެ މަސައްކަތެވެ. މިމަޝްރޫއަށް ބަޖެޓްގައި ފައިސާވެސް ވަނީ ހިމަނާފަ އެވެ.
މިސަރުކާރުގައި މުޅިން އަލަށް 15 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ތ. ގުރައިދޫގައި އެއާޕޯޓެއް އެޅުމަށް ތައްޔާރުވަމުންދާއިރު އެ އަތޮޅު ތިމަރަފުށީގައި މިހާރުވެސް އެއާޕޯޓެއް އެބައޮތެވެ. ނަމަވެސް އެތަނުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ހިދުމަތް ހޯދާ މީހުން އަބަދުވެސް ޝަކުވާ ކުރެ އެވެ.