އާންމުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ގުޅޭގޮތުން އާންމުންގެ މީހަކު މިއަދު ކުރި ސުވާލަށް ރައީސް ޑރ. މުއިއްޒު ސާފު ޖަވާބެއް ނުދެއްވި އެވެ.
އަހްމަދު ޝަރީފް ނަމަކަށް ކިޔާ އާންމު މީހަކު ރައީސް މުއިއްޒުއާ މިއަދު ސުވާލުކުރީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކުރިއަށްދާ ހައިލެވަލް ކޮމިޓީގެ މަޝްވަރާތަކުން ތިލަވެފައިވާ މުހިއްމު މައްސަލައަކާ ގުޅޭގޮތުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށްފަހު އިންޑިއާ އިން ރާއްޖޭގައި ގެންގުޅޭ އުޅަނދުތައް ދުއްވަން އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން އައި ނަމަވެސް އެންމެ ރަނގަޅު ކަމަށް ދެ ގައުމުގެ މަޝްވަރާތަކުގައި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެ ގައުމުގެ އޮފިޝަލުން ހާމަކުރައްވާފައިވެ އެވެ.
އަހްމަދު ޝަރީފްގެ ސުވާލު އަމާޒުކޮށްފައިވަނީ އިންޑިއާގެ މަދަނީ މީހުން ރާއްޖެ އައުމަށް އަނެއްކާވެސްއެއްބަސްވުމެއް ހެދެމުންދާތީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެކަމުގެ ކަންބޮޑުވުން އޮތުމުން އެކަން ސާފުކުރެއްވުމަށެވެ.
"އަޅުގަނޑު ރައީސްއާ ކޮށްލަން ބޭނުންވާ ސުވާލަކީ މިހާރު އަޅުގަނޑުމެން މިގައުމުގައި އުޅޭ ބައެއް ދިވެހިން އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ އިންޑިއާ ސިފައިން ޔުނިފޯމް ބާލައިފައި ކުލަ ހެދުމުގައި ރާއްްޖެއަށް އަންނަ ވާހަކަ. އަސްލު މިކަމުގެ ހަގީގަތް އަޅުގަނޑުމެން ހޯދަން ބޭނުން މިވަނީ އަޅުގަނޑުމެންނާ ދިމާލަށް ސީދާ މިގޮތަށް ބުނާތީ. އެހެންވީމާ މިކަމުގެ ހަގީގަތް އަޅުގަނޑުމެން އެބަ ބޭނުންވޭ ރައްޔިތުންނަށް އެނގެން،" ސުވާލުކުރި އަހްމަދު ޝަރީފްގެ ސުވާލުގައި އަހާފައިވެ އެވެ.
އަހްމަދު ޝަރީފް ފަދައިން ބައެއް އާންމުން ގަބޫލުކުރާ ގޮތުގައި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށްފަހު އިންޑިއާގެ މަދަނީ މީހުން އުޅަނދުތައް ދުއްވަން ރާއްޖެ އައި ނަމަވެސް ސިފައިންނާއި މަދަނީ މީހުން ވަކިކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންވެ ބައެއް މީހުން ދެކޭ ގޮތުގައި އިންޑިއާ ސިފައިން ބޭލުމަށްފަހު އުޅަނދުތައް ދުއްވުމަށް އިންޑިއާގެ މަދަނީ މީހުން ރާއްޖެ އައުމަށް ހުއްދަ ދިނުމަކީ އޮޅުވާލުމެކެވެ. އަދި މިއީ އިންޑިއާ ސިފައިން ބޭލުމުގެ ވައުދު ފުއްދުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި މަގުސަދު އޮޅޭ ކަމެއް ކަމަށްވެސް ބައެއް އާންމުން ގަބޫލުކުރެ އެވެ.
ބައެއް އާންމުންނާ ހަވާލާދީ އަހްމަދު ޝަރީފް ކުރެއްވި ސުވާލަކީ ވަރަށް މުހިއްމު ސުވާލެއް ކަމަށް ރައީސް ވިދާޅުވި ނަމަވެސް ސުވާލުގައި ހިމެނޭ އެންމެ މުހިއްމު ބައި ނުވަތަ ސުވާލުގެ މައުޟޫއަށް ރައީސް ޖަވާބެއް ނުދެއްވަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ފަހު މަދަނީ މީހުންގެ ގޮތުގައި އޮޅުވާލައިގެން އަލުން އިންޑިއާގެ ބަޔަކު ރާއްޖެ ގެންނާނެ ކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށްދިނުމަށް ސުވާލުގައި އެދިފައިވީ ނަމަވެސް ސުވާލުގެ އެ ބަޔަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި ރައީސް ވިދާޅުވީ "ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުން" އެއީ ކުރައްވާނެ ކަމެއް ކަމަށެވެ.
އޭގެފަހުގައި ރައީސްގެ ޖަވާބުގައި މުޅިންވެސް ފާހަގަކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން މީގެކުރިން ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކެވެ. އާ ވާހަކައެއް ވިދާޅުވެފައެއް ނުވެ އެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިން ބޭލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
"އެ މަސައްކަތް ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ މަތިން މަޝްވަރާތައް ދަނީ ވަރަށް ބާރަށް ކުރިއަށް. މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މި ފެށޭ މާޗް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދާއިރުގައި އިރާދަކުރެއްވިއްޔާ އެއް ޕްލެޓްފޯމުގެ ސިފައިން ގެންދާނެ. ދެން މެއި މަސް އަންނަންވާއިރަށް މެއި މަހުގެ 10ގެ ކުރިން ދެން ހުރި ޕްލެޓްފޯމުތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބަށް ގެންދެވިފައިވަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ މަތިން ކުރެވޭ މަސައްކަތުގެ ނަތީޖާ އިން ކަމަށެވެ. އަދި މިމަސައްކަތް ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ދެން ހިއްސާކުރެއްވީ އަމިއްލަ ގާބިލްކަން އިތުރުކުރުމަށް ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތެވެ. އެގޮތުން ހިއްސާކުރި މައުލޫމާތުގައިވެސް އާ ވާހަކަތަކެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ގާބިލްކަން މެޑިކަލް އިވެކުއޭޝަންއަށް، އެމަޖެންސީކޮށް ބަލި މީހުން އުފުލުމަށްޓަކައި މިދަނީ ގާއިމުކުރަމުން. އެއާ އެމްބިއުލާންސްގެ ހިދުމަތް އިރާދަކުރެއްވިއްޔާ މާޗް މަހުގެ އެއްވަނަ ދުވަހު ފަށާނަން. ހަމައެއާ އެކީގައި ރާއްޖޭގެ އެކްސްކްލޫސިވް ޒޯން އަކީ ވަރަށް ބޮޑު ސަރަހައްދެއް. އެ ބޮޑު ސަރަހައްދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލައަށް ބެލެހެއްޓުމަށްޓަކައި ގާބިލްކަން ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް އެދަނީ ބާރު ސްޕީޑްގައި ކުރިއަށް. ހަމައެއާ އެކީގައިވެސް ދެން އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ސަވައިލަންސް ހުރިހާ މަސައްކަތަކާ ގުޅޭ ހުރިހާ މަސައްކަތެއްވެސް އެދަނީ ބާރަށް ކުރިއަށް،" ކުރިންވެސް ސަރުކާރުން ދީފައިވާ މައުލޫމާތުތަކެއް ހިއްސާކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު ނިންމަވާލެއްވީވެސް ކުރެވުނު ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު ޖަވާބު ނިންމަވާލައްވަމުންވެސް ވިދާޅުވީ "މިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސް"ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓް ކުރަނީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓެކެވެ. މިތަކެއްޗަކީ ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ އުޅަނދުތަކުގެ ގޮތުގައި މީގެކުރިން ހަބަރަށް މައުލޫމާތު ދީފައިވީ ނަމަވެސް މިއުޅަނދުތައް އަބަދުވެސް ދުއްވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބެ އެ ގައުމުގެ ސިފައިންނެވެ.