ޑރ. މުހައްމަދު މުއިއްޒު

ތ. އަތޮޅު ރާޑަރުން ކައްސާލަފައި އޮތް އޮތުމަށް ނިމުން ގެނެސްދޭނަން: ރައީސް

ތ. އަތޮޅު ދިވެހި ސަރުކާރުގެ ރާޑަރުން ކައްސާލާފައި އޮތް އޮތުން މިސަރުކާރުގައި ނިމުމަކަށް ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. ކަނޑޫދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މީގެކުރިން ސަރުކާރުގެ ރާޑަރުން ތ. އަތޮޅު ކައްސާލާފައި އޮތް ނަމަވެސް އެކަން ނިމުމަކަށް ގެންނާނީ މިސަރުކާރު ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަތޮޅަކީ ތަރައްގީގައި ހަމަ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ ތަރައްގީވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް އަޅުގަނޑުމެންގެ މިސަރުކާރުގައި ހަދައިދޭނަމޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްތަކުން މިއަދު ފެންނަ މާޔޫސްކަން ނިންމައިދީ ހިނިތުންވުން އެ ރަށްތަކަށް ގެނެސްދޭނީވެސް މިސަރުކާރުގައި ކަމަށެވެ. ރަށްރަށުގައި ފަށަން އެއްބެސް ނުފެށި ހުރި މަސައްކަތްތަކާއި އަދި މަސައްކަތް ފެށުމަށްފަހު ވަކި ހިސާބަކުން ހުއްޓިފައިވާ މަސައްކަތްތައް ބެލުމަށްފަހު އެމަޝްރޫއުތައް އަވަހަށް ފަށައިދީ ހަގީގީ ތަރައްގީ ގެނެސްދޭނީ މިސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަނޑޫދޫއަކީ ދަނޑުވެރި ރަށެއް ނަމަވެސް އެރަށުގައި ބިން ނެތުމުން އެ މަސައްކަތް ކުރަން ބޭނުންވާ އެހެން މީހުންނަށް ބިން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަނޑޫދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވާ ކަމަށެވެ. ބިން ނެތް މައްސަލައަށް ހައްލު ލިބޭނީ ކޮންމެ ކައުންސިލަކަށް ފަޅު ރަށެއް ލިބޭ ގޮތް ހެދުމަށް މިސަރުކާރުން އެކުލަވާލާފައިވާ ގަވައިދުގެ ދަށުން ރަށެއް ހޯދަން ހުށަހެޅުމުން ކަމަށާއި އެއީ ލިބެން އޮތް ރަށެއް ކަމަށްވާނަމަ ސަރުކާރުން އެކަން ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އާމްދަނީ ހޯދުމުގެ ރަނުގެ ފުރުސަތުތައް ކައުންސިލްތަކަށް މިދެނީ. ކައުންސިލްތަކުގެ އަތްމަތީގައި ދެން އޮންނާނީ މަސައްކަތް ކުރުން. ސަރުކާރުން މަގުފަހިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކޮންމެ ރަށެއްގައި ލެބޯޓަރީއެއް ގާއިމުކޮށްދިނުމަކީ ވައުދެއް ކަމަށްވާތީ އެކަން ކޮށްދެެއްވާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ މީހުންނަށް އެންމެ އެކަށީގެންވާ ގޮތަށް ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްދީ ޒުވާނުންގެ މަރުކަޒުތައް އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގައި ރައީސް ވިދާޅުވީ އެ ކުދިންނަކީ މިސަރުކާރުގައި އެންމެ އިސްކަންދޭ ކުދިންގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ ކުދިންނަށް ބޭނުންވާ ވަސީލަތްތަކާއި ފަރުވާގެ އިންތިޒާމު ގާއިމުކޮށްދެވެން އޮތް އެންމެ ބޮޑަކަށް އެކަން ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.