ރައްޔިތުންގެ މަޖިލިސް

"ޕީޕީއެމްގެ ޖަލްސާއަށް އީސީސީގެ ގޮނޑިތައް ދުލެއް ނުކުރަން"

Feb 29, 2016
1

އައްޑޫ ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހުރި ގޮނޑިތައް މާލޭގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ބޭނުންކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިނިސްޓަރު މުއިއްޒަށް އަމާޒު ކުރައްވާ މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އީސީސީގައި ހުރި 850 ގޮނޑި މާލެ ގެނައީ މިނިވަން ފަންސާހުގެ ހަރަކާތްތަކުގެ އެކި ބޭނުންތަކަށް ކަމަށެވެ.

އަދި ވިދާޅުވީ އެ ގޮނޑިތައް މާލެ ގެނައުމަށްފަހު އަނބުރާ ގެންދަން ނިންމި ނަމަވެސް ގައުމީ މުހިންމު އެކިއެކި ކަންތައް ހުރުމުން އެކަން ކަމުގައި ބޭނުން ކުރުމަށް އެ ގޮނޑިތައް ދަރުބާރުގޭގައި ބަހައްޓާފައި ހުރީ ކަމަށެވެ. އަދި އެ ގޮނޑިތަކީ ދިވެހި ދައުލަތުގެ ހަރަދުގައި ހޯދާފައިވާ ރައްޔިތުންގެ އެއްޗަކަށްވުމުން ގައުމީ އެކި އެފަދަ ކަންކަމުގައި އެ ގޮނޑިތައް ބޭނުން ކުރެވޭނެ ކަމަށެވެ.

"ޕީޕީއެމްގެ ޖަލްސާއަކަށް އެ ގޮނޑިތައް ދޫކޮށްފައެއްނުވާނެ. އެ ގޮނޑިތައް ބޭނުން ކުރަނީ ގައުމީ ކަންކަމުގައި، އެހެންވީމާ މިހާރު ގޮނޑިތަކާ ގުޅިގެން ދައްކާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ހަގީގަތް އޮޅުވާލައިގެން ދައްކާ ވާހަކައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އީސީސީގައި ބޭއްވި ސާކް ސާމިޓަށް ހާއްސަކޮށް ހޯދި ގޮނޑިތައް ބަހައްޓާފައ ހުރީ އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ކަމަށާއި އެ ގޮނޑިތައް ގެންދިއުމާ ނުގެންދިއުމާމެދު ގޮތެއް ނިންމާނީ ފަހުން ކަމަށެވެ.

އީސީސީގެ ގޮނޑިތަކުގެ މައްސަލާގައި މީގެ ކުރިން ވެސް ވަނީ މަޖިލީހުގައި ޖަވާބު ދެއްވައި ޕީޕީއެމްގެ ޖަލްސާއަކަށް އެ ގޮނޑިތައް ދޫކޮށްފައި ނުވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.