ތިލަފުށި

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި

ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެއްސި ސަރަހައްދު ހިއްކާ ނިންމާލައިފި އެވެ.

އެޗްޑީސީ އިން މިއަދު ބުނީ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއު ނިންމާލިއިރު 120 ހެކްޓަރު ހިއްކާފައިވާ ކަމަަށާއި މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީ އިން މައުލޫމާތުދެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އޭރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އެޗްޑީސީއާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެޗްޑީސީ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް ހިންގާ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.