ހަބަރު

ފެހުރިހި ހިމާޔަތް ކޮށްދިން މީހުންގެ އަގު ވަޒަންކޮށްފި

Jan 27, 2015

މ. މަޑުއްވަރީ ކައިރީގައި އޮންނަ ފަޅެއްގައި ތާށިވެފައި އޮތް ފެހުރިއްސެއް ހިމާޔަތްކޮށް ކަނޑަށް ދޫކޮށްލި ބައެއްގެ އަގު އެންވަޔަރުމެންޓް މިނިސްޓްރީން ވަޒަންކޮށް، ލިޔުމެއް ހަވާލުކޮށްފި އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފެހުރިހި ހިމާޔަތް ކުރި މަޑުއްވަރީ، އަބްދުއް ރަހުމާން އާއި އެ ރަށު މުހައްމަދު ޝައުކަތު އަދި މުހައްމަދު ޝިޔާޒު އަދި މާލެ، އަބްދުއް ގަނީ މުހައްމަދަށް ލިޔުން ހަވާލުކޮށް ދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ފެހުރިހި ހިމާޔަތް ކުރުމަކީ ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް ދިނުމަށް ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.

"މިހާރު މަދުން ނަވެސް ދިރޭ ތަކެއްޗަށް ދަނީ އެކި ގެއްލުންތައް ވަމުން. ހިމާޔަތްކޮށްފައި ހުންނަ މަޑި އާއި މިޔަރު ވެލާ ފަދަ ތަކެތި ހިފައި ގެއްލުން ދަމުން. މިއީ ހިތާމަ ހުރި ކަމެއް،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިރޭތަކެތި ހިމާޔަތް ކުރުމަކީ ވަރަށް ބޮޑަށް އިސްކަން ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ދިރޭތަކެތި ހިމާޔަތް ކުރުމާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރާނަން. ކޮބާތޯ ހިމާޔަތް ކުރެވިފައި ހުރި އެއްޗިއްސަކީ. އެ އެއްޗިހީގެ މައުލޫމާތު އާއްމުނަށް ދިނުމަށް،" ތޯރިގު ވިދާޅުވި އެވެ.