ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތިން ނޫހަކުން ސަރުކާރަށް ފާޑުކިޔާތީ ސަރުކާރުގެ ތެރެއިން އަންނަ ޝަކުވާތަކާއި ފިއްތުންތަކާ ގުޅިގެން އެ ތިން ނޫހަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދީފި އެވެ.
މީޑިއާ ކައުންސިލުން އިންޒާރު ދީފައިވަނީ "ކުރުސީ.ކޮމް" އާއި، "ދިޔަވަރު.ކޮމް" އަދި "ދޮންއަމާ.ކޮމް" އެވެ.
އެމްއެމްސީ އިން ބުނީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް މި ތިން ނޫހުން މައުލޫމާތު ފަތުރަމުންދާތީ ގިނަ އަދަދެއްގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
"މީޑިއާ ކައުންސިލުން އަބަދުވެސް ބާރުއަޅަނީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަންވީ އެންމެ ފުޅާމިނެއްގައި ހުޅުވާލާފައި އޮތުމަށެވެ. އެހެންނަމަވެސް ކަމުގެ ހަގީގަތް ނުބަލާ އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މިކައުންސިލުން ބަލައިގަންނަ ކަމެއް ނޫނެވެ،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.
އެމްއެމްސީ އިން ބުނާ ތިން ވެބްސައިޓްގެ ތެރެއިން ކުރުސީ އާއި ދިޔަވަރު ނޫހަށް މިސަރުކާރުން މީގެކުރިން ފިޔަވަޅު އެޅި އެވެ. އެގޮތުން އެ ދެ ނޫހަށް ނުވަދެވޭ ގޮތް ހެދި އެވެ. އެކަމަކު ނޫސްވެރިންގެ ދިފާއުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ފިއްތުންތައް ކުރިމަތިކުރުމުން ފަހުން އެ ދެ ވެބްސައިޓަށް ވަދެވޭ ގޮތް ހެދި އެވެ.
އެމްއެމްސީ އިން އިތުރަށް ބުނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކުގެ މައްސަލަ ބަލާނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށް އެ ކައުންސިލުން ނިންމާލާފައިވާ ކަމަށެވެ. ރަޖިސްޓްރީކޮށްގެން ވިޔަސް އަދި ރަޖިސްޓްރީ ނުކޮށް ވިޔަސް ނޫހެއްގެ ގޮތުގައި ހިންގާނަމަ އެއީ "މީޑިއާ" ގޮތުގައި ބަލައި ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.