ވާހަކަ

މިލްކުވާނެބާ

( 14 ފެބްރުއަރީ 2024 އާ ގުޅޭ )

"ކާކު ބުނީ އަހަރެން މިދަނީ ކަނޑަށް އެރި މަރުވާށޭ." ޚާދިމު ކުއްޖާގެ އަތް ފޮޅުވާލާފައި އިނގިރޭސި ބަހުން މިޔާ އޭނާއަށް ބުނެލި އެވެ. އަދި މަޑުކުރުމެއްނެތި ގޮސް މޫދަށް އެރެން ފެށި އެވެ.

"ކޯލް ސަރ. އާޖަންޓްލީ." ހިލްމީ ކައިރިޔަށް ދުވެފައި އައި ޚާދިމު ކުއްޖާ ބިރުގެންފައިވާ ފަދައިން ބުންޏެވެ.

ކަށިމައްޗާ ހަމައަށް ހުރި ހެދުމުގެ ފަސްބައި ތެމެން ފެށުމުން މިޔާ ހުއްޓުނެވެ. އޭރު ކުރިމަތިން ތަނެއް ނުފެންނަހާ އޭނާގެ ދެ ލޯ ކަރުނުން ފުރިފައި ވިއެވެ. އެ ކަރުނަތައް ދެ ލޮލުން އޮހޮރިގަންނަން ގިނައިރެއް ނުނެގި އެވެ. މަޑު ތުރުތުރެއް އުފެދިގެން ދިޔަ މިޔާގެ ތުންފަތް ދުރުވެލައި ގިސްގެ އަޑު ނުކުތެވެ. އަތިރިމަތީގައި މީހުން މަދެއް ނޫނެވެ. ނަމަވެސް މިޔާއަށް އެއްވެސް މީހަކު ނުފެންނަ ފަދަ އެވެ. ދުރަށް ފެތުރިފައިވާ މާސިންގާ ކަނޑަށް ނަޒަރު ދޫކޮށްލައިގެން މުޅި އެތަނުގައި ވެސް އޭނާ ނޫން ދިރޭ ފުރާނައެއް ނުވާ ކަހަލަ އެވެ. މަޑުމަޑުން ކަނާއަތުން އޭނާއަށް ބަނޑުގައި ފިރުމާލެވުނެވެ. އެހިނދު ނުހަނު ބޮޑަށް އޭނާއަށް ގިސްލެވިއްޖެ އެވެ. އަޑު ބޭރުވެދާނެ ކަމަށް މިޔާ އަވަހަށް ދެ އަތުން އަނގަމަތީ އަޅައި އޮބާލައިފި އެވެ. އިޒީކިއަލްގެ ރަޙުމެއް ނެތް ބަސްތަކާއި ޢަމަލުތައް މިޔާގެ ލޯ ކުރިމަތީ ސިފަވަމުން ދަނީ އެވެ. ހިތުގައި ޖެހި ރޮވެން ފެށުނީ ގަސްދަކާ ނުލާ އެވެ. ކައިރީ ހުރެ ވާހަކަދައްކާ އިރު މަށާހޭ ތި ވާހަކަދައްކަނީ އަހާ ވެސް ނުލާ އިޒީކިއަލް ހުރެ ދާނެ އެވެ. މިޔާގެ ހިތާއި ސިކުނޑީގައި އުފެދެމުންދާ ސުވާލުތަކަށް ޖަވާބެއް ދޭން އިޒީކިއަލް ބޭނުން ނުވަނީ އެވެ. ހިމޭންކަން އޭނާ ޚިޔާރު ކުރަނީ އެހެންވެކަން މިޔާއަށް އެނގެ އެވެ. އެއީ ކިހާ ރަޙުމެއްނެތް އަނިޔާވެރި އިޙްސާސެއްކަން ތަޙައްމުލް ކުރަންޖެހިފައިވީ މިޔާ އަށެވެ. ބޭރުފުށުން ފާޅުވާންނެތް އެތައް އަނިޔާއަކުން އިޒީކިއަލް ވަނީ މިޔާ ޒަޚަމްކޮށްލާފަ އެވެ. ނަފްސާނީ ގޮތުން މުޅީން އޭނާ ވަރުބަލިވެއްޖެ އެވެ. ލޯބިވާ އިންސާނަކަށް އެދަރަޖައަށް އަނިޔާވެރިވާން ނުކެރޭނޭ މިޔާގެ ހިތް ވެސް އެއްބަސްވެ އެވެ. އެހެންވިޔަސް ހިތުގައި އިޒީކިއަލްގެ މައްޗަށް އުފެދުނު ޖަޒުބާތުތަކަށް ބަދަލެއް ނައުމަކީ މިޔާގެ ހިތުގެ ރުއިން ގަދަވެފައިވާ އެއް ސަބަބެވެ. އެކަމަކު އެންމެ ފަހަރަކު ވެސް އިޒީކިއަލްގެ ދުލުން ލޯބި އެ ލަފުޒު ވެސް ހާމަވެފައި ނުވާކަން މިޔާއަށް ރަނގަޅަށް ދެނަހުއްޓެވެ.

ކަރުނަ އެޅުމަކީ ބޭކާރު ކަމެއްކަން ޟަމީރު ބުނަން ފެށުމުން މިޔާ ދެ ލޯ ފުހެލި އެވެ. ނުރޯނަމޭ ހިތާހިތުން ކިޔާލި އެވެ. ފިނިދުވަހަކަށް ވެފައި މޫދުން އަރައިގެންނަ އަންނަ ރޯޅިތައް ގައިގާ ބީހިލުމުން ހީބިހި ނަގާ ވަރުވެ އެވެ. އެ ފިނިކަމުގެ ތެރޭ މިޔާގެ ވޭން އަޅަމުންދިޔަ ހިތަށް އިޙްސާސް ކެނޑޭވަރަށް ގަނޑުވާން އޭނާ އެދޭ ފަދަ އެވެ. މަޑުމަޑުން ކުރިޔަށް އޭނާ ފިޔަވަޅު އަޅަމުންދިޔައިރު ލޮނުގަނޑު އައީ ފުންވަމުންނެވެ. އޭނާގެ ހެދުމުގެ ފަސްބައި ތެމި ފަލަމަސްގަނޑާ ހިސާބުގައި ތަތްލާފައި ހުއްޓެވެ. މަޑުމަޑުން ދެ އަތް ފުޅާކޮށްލައި މިޔާ ލޯ މަރާލި އެވެ.

"މިދެން ކިހާ ދެރަކަމެއް. މޮޔަވެގެންތަ ތިއުޅެނީ. އަހަރެން ގެންނަންވެގެންތަ." މިޔާ ފަހަތުން އައިސް އޭނާގެ ވައަތު އުޅަންބޮށްޓާއި ހަމައިގައި ހިފައި ދަމައިގަންނަމުން އިވިގެން ދިޔައީ އިޒީކިއަލްގެ ހަރުކަށި އަޑެވެ.

"އަހަރެން ގައިގަ އަތްނުލާ." އިޒީކިއަލްގެ މޭގައި މިޔާ އައިސް ޖެހުނު ގޮތަށް ވަގުތުން ދެ އަތުން އެ މޭގައި އަޅައި ދުރަށް ކޮށްޕާލައިފި އެވެ. ނުރޯން ހިފަހައްޓާފައި ހުރި ކަރުނަތައް ސައިލެއްހެން މިޔާގެ ކޯތާފަތުން ފައިބަން ފެށި އެވެ.

"ޖަސްޓް ލީވް މީ އެލޯން." މިޔާއަށް ހަޅޭލަވައިގަނެވުނެވެ. ކައިރީގައި މޫދަށް އެރި އުޅުނު ބައެއް މީހުންގެ ސަމާލުކަން އެ ދެމަފިރިންނަށް ހުއްޓުނެވެ. އިޒީކިއަލްގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވި އެވެ.

"ފިނިކަމެއް ނޭނގޭތަ؟. މި ފިނީގައި މޫދަށް އެރެންވީ ކޮންބޭނުމަކު. އާދޭ އަހަންނާއެކީ. ތި ކިޔާ އެއްޗެއް އެއްގަމަށް އަރާ ހުރެ ކިޔާ." އިޒީކިއަލް މިހެން ބުނެ މިޔާގެ ވައަތު ކުޑަހުޅާ ހިސާބުގައި ހިފައި ގަދަކަމުން އޭނާއާއެކު އެއްގަމަށް އަރުވަން މަސައްކަތް ކުރި އެވެ.

"ނޫޅެން ދާކަށް. ދޫކޮށްލާ." މިޔާ ނުދާން ގަދަ ހަދާލި އެވެ.

"ކުޑަކުއްޖެއްހެން ކޮންބޮޑައެއް ތިހާކަނީ. އަހަރެން އަރާށޭ ބުނީ އަރަންވީ." އިޒީކިއަލް އިހުނަށްވުރެ ބާރަށް މިޔާގެ އަތަށް ދަމާލި އެވެ. ނަމަވެސް މިޔާ ގަދަ ހަދާލައި އަތް ދަމައިގަންނަން ހިފާލުމާއެކު އަތްދޫވެގެން ލޮނުގަނޑުގެ ތެރެއަށް އޭނާ ވެއްޓުނީ އެވެ. ވޭނީ އަޑެއް މިޔާ ލައްވާލުމާއެކު އިޒީކިއަލްގެ ލޮލުން ސިހުން ފާޅުވި އެވެ. އޭނާ ނިކަން އަވަހަށް މިޔާ ނަގަން އަތުގައި ހިފި އެވެ. ތެދުވަން އުޅުނު މިޔާ އަނެއްކާ ވެސް އަރި އަޅާލީ އެވެ. ހުސިޔާރުވެ ހުރި އިޒީކިއަލް މިފަހަރު މިޔާގެ ގައިގާ ހިފެހެއްޓި އެވެ.

"ކިހިނެއްވީ؟." ހިސާބަކަށް ހާސްވެފައި އިޒީކިއަލްއަށް އަހާލެވުނެވެ.

"ފައި... އަހަރެންގެ ފައި..." މިޔާގެ ފައި އަކުނިވަޔަށް ދަމައިގަތީ އެވެ.

"ދެން ވެސް އަވަހަށް މޫދުން އަރަން ހިނގާބަލަ." އިޒީކިއަލް ބުންޏެވެ.

"ބުނެފީމެންނު އަހަރެންގެ ގައިގާ އަތްނުލާށޭ. މާ ކެއާ ކުރާ މީހަކަށް ހެދެން އުޅޭނެކަމެއްނެތް. އެ މޫނުމަތި ވެއްޓިއްޖެކަން ހަނދާންނެތުނީތަ؟." މިޔާގެ ބަސްތަކުން އިޒީކިއަލް ދަތްކުނޑިވިކާލި އެވެ. ދެ ބުމަ ގޮށްޖަހާލި އިރު އެ ދެ ލޮލުން ރުޅިވެރިކަން ފާޅުވޭވޭ ހުއްޓެވެ.

"ފައިން. އަހަރެން މިދަނީ... ފަސް މިނެޓް ތެރޭ ނާރައިފިއްޔާ ދެން ހަދާނޭ ގޮތް ވެސް އަހަރެންނަށް އެނގޭ." ނުރުހުމާއެކު އިޒީކިއަލް މިހެން ބުނެ ހިނގައިގަތީ މޫދުން އަރާށެވެ.

އިޒީކިއަލް ދާތަން ފެނުމުން މިޔާ ދެރަވެއްޖެ އެވެ. ހަޤީޤަތުގައި އިޒީކިއަލް ދާން އޭނާ ބޭނުންނުވާ ކަހަލަ އެވެ. އޭނާ އެވަރަށް ދެކޮޅުހަދައި ހަރުކަށިކަން ދައްކާލީ ފިރިމީހާގެ ފުށުން ސަމާލުކަން ބޭނުންވެފައި ހުރި ވަރުން ކަހަލަ އެވެ. ކޮންމެވެސް ސިފައެއްގައި އިޒީކިއަލްގެ އަޅާލުން ލިބިދާނޭ ހީކޮށް ކުރި ކަމެކެވެ. މިޔާއަށް މާބޮޑަށް ރޮވެން ފެށުނެވެ. އިޒީކިއަލް ފަސްއެނބުރި ބަލާލާނޭނަމައޭ މިޔާގެ ހިތް ގޮވަމުންދިޔަ އެވެ. އެކަމަކު އެ ހިތް އެދޭ ގޮތަށް ކަންކަން ނުވާނޭކަން ހަނދާންކޮށްދިނީ މިޔާގެ ޟަމީރެވެ. އެއްގަމަށް އަރަން މިޔާ މަޑުމަޑުން ފިޔަޅު އަޅަން ފެށި އެވެ. އޭނާގެ ހިތާއި ސިކުނޑިއަށް ކެތްނުވާވަރު ވުމާއެކު ވަރުބަލިކަމެއް ކުއްލިއަކަށް ހަށިގަނޑަށް ވެރިވެއްޖެ އެވެ. މީހާގެ ހަމަގެއްލޭ ގޮތްވެ އޭނާ އަރި އަޅާލިއިރު ދެ ލޯ މެރިއްޖެ އެވެ. ލޮނުގަނޑު ތެރެއަށް މިޔާ ވެއްޓުނު އަޑަށް އިޒީކިއަލް ފަސްއެނބުރި ބަލާލި އެވެ. އޭނާ ހާސްވީވަރުން ދެ ލޯ ބޮޑުކޮށްލެވުނެވެ. ލޮނުގަނޑުގެ ތެރޭ ދުވަމުން ކަހަލަ ގޮތަކަށް އިޒީކިއަލް އައިސް ވަގުތުން އޭނާގެ އަތްދަނޑި މައްޗަށް މިޔާ ނަގައިފި އެވެ.

* * * * *

ބެލްކަނި ކޮޅުގައި ހުރި ބޮޑު ގޮނޑީގައި މިޔާ އިނެވެ. ފިނިއިރުލާ އުޅޭ ފަދަ ޖެކެޓެއް ހެދުމުގެ ބޭރުން ލައިގެންނެވެ. ފިނި ދުވަސްވަރަކަށްވާތީ އިރު ހުއްޓަސް ފަޒާގައި ހޫނުކަމެއް ނުހުރެ އެވެ. ރޭގަނޑުވެއްޖެނަމަ ވަކިން ފިނި ގަދަވެ އެވެ. ދައުރުވާ ވައިރޯޅިތަކުގައި ހުންނަނީ ގަނޑުފެން ފަދަ ގަދަ ފިންޏެވެ. އެއް ދިމާއަކަށް ގެއްލިފައި މިޔާ އިންއިރު އޭނާގެ އެއްވެސް ރޫހެއް ނެތެވެ. އެހެންނަމަވެސް އަދިވެސް އޭނާއަކީ ރީތި އަންހެނެއްކަން ފާޅުވެ އެވެ. އޭނާގެ އިސްތަށިގަނޑު ބަނޑުބޮޑުވުމާއެކު ވަކިން ރީތި ވެއްޖެ އެވެ. އިސްތަށިގަނޑު ބޯވެ ބުޑާ ހަމައަށް ދިގު ވެސް ވެއްޖެ އެވެ. ދޫކޮށްލާފައި އޮތް އޭނާގެ ފަން އިސްތަށިގަނޑު ދޭތެރެއަކުން ޖެހިލައި ބާރު ވައިރޯޅިއާއެކު ވަޔާ ވިހުރިލަ އެވެ. ކުއްލިއަކަށް މިޔާ ބަލި ކެއްސުމެއް ކެއްސައިގަތެވެ. އެއާއެކު އޭނާގެ ޚިދުމަތުގައި ހުންނަ ޚާދިމުކުއްޖާ އެތަނަށް ނުކުތެވެ.

"މިޔާ. ބޭރު ކިހާ ފިނި. ރޯގާޖެހިފައި ހުރެ ތިހެން ނުކުމެ ބޭރުގައި އިނީމަ ހައްތަހާ ފިންޏެއްނު ވާނީ. ސަރ ބުނި އެއްވެސް ކުޑަ ދޮރެއް ވެސް މިދުވަސްކޮޅު ނުހުޅުވަން." ޚާދިމު ކުއްޖާގެ އަޑުގައިވީ ކަންބޮޑުވުމެވެ. އޭނާ ހަޤީޤަތަށް ވެސް މިޔާގެ ހާލާމެދު ކަންބޮޑުވެފައިވާ ކަހަލަ އެވެ.

މިޔާ އަޑު އިވުނު ކަމަކަށް ނުހެދި އެވެ. ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލަމުން އިތުރަށް އޭނާ ހަމަޖެހިލީ އެވެ. އަދި ދެ ލޯ މަރާލި އެވެ.

"މިޔާ. ނިދި އަންނަންޏާ ކޮޓަރިއަށް ހިނގާ. އަރާމު ވެސް ބޭނުންވާނެ. ނިދާލީމަ ލުއި ވެސް ވާނެ. އެކަމަކު މިތާ އިނދެގެން ނުނިދާ. މިޔާ... ތެދުވޭ. އަހަރެން އެހީތެރިވާނަން." ޚާދިމުކުއްޖާގެ ވާހަކަ މިޔާ މެދުކަނޑާލައި ވާހަކަދެއްކި އެވެ.

"ރަނގަޅުވާނެ. އިރުކޮޅަކު މިތާ އިނދެލާފައި ކޮޓަރިއަށް އަހަރެން ދާނަން." މިޔާ ބުންޏެވެ. ހަމައެހިނދު އޭނާ އަނެއްކާ ވެސް ކެއްސައިގަނެއްޖެ އެވެ. މޭގައި ރޯގާ ހިފައިފާ ހުރި ކަހަލަ އެވެ. އޭނާގެ ބުރަކަށީގައި ޚާދިމު ކުއްޖާ ފިރުމާލަ ދިނެވެ.

"އިރުކޮޅަކު އިނުން ވެސް ރަނގަޅެއްނޫން. މިޔާގެ ހާލު ހައްތަހާ ގޯސް ތިވަނީ. ހިނގާ ކޮޓަރިއަށް. ޕްލީޒް." ޚާދިމު ކުއްޖާ އާދޭސްކޮށްލި އެވެ.

ކެއްސަން ފެށުމުން މިޔާއަށް ވެސް އިންނަން އުނދަގޫވީ އެވެ. އެހެންވެ ޚާދިމު ކުއްޖާގެ އެހީތެރިކަމާއެކު އޭނާ ކޮޅަށް ތެދުވި އެވެ. އަދި ކޮޓަރިއަށް އައިސް އެނދުގައި އޮށޯވެލީ އެވެ. ކާންޖެހޭ ބޭސްތައް ހިފައި ޚާދިމު ކުއްޖާ އައީ ދެނެވެ. ބޭސް ކައިގެން އޭނާ އޮށޯތީ އެވެ. ރަޖާގަނޑުން މިޔާގެ ހަށިގަނޑު ރަނގަޅަށް ފޮރުވާލަ ދީފައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"އިޒިކް... އިޒީކިއަލް އައިތަ؟." މިޔާ އަހާލި އެވެ. ޚާދިމު ކުއްޖާ އެނބުރި ބަލާލީ މާޔޫސީ ބެލުމަކުންނެވެ. އެ ބެލުމުގައިވީ އަސަރުން މިޔާއަށް ޖަވާބު ލިބިގެން ދިޔަ އެވެ. އޭނާ ހީމޭންކަމާއެކު ދެ ލޯ މަރާލީ އެވެ.

"އަހަރެން ނިދާލަން ބޭނުމީ." ލޯ މަރާލައިގެން އޮވެ މިޔާ ބުންޏެވެ. އެއްޗެކޭ ނުބުނެ ޚާދިމު ކުއްޖާ ކޮޓަރިން ނުކުތީ އެވެ.
ލޯ މަރާލައިގެން އޮތް މިޔާގެ ލޮލުގެ ކޮޅުން ކަރުނަ ފާޅުވާން ފެށި އެވެ. އަދި ރޮނގެއްހެން މޫނުގެ ދެ ފަރާތުން ކަރުނަތައް ފައިބައިގަތެވެ.

އާ ދުވަހަކަށް އިރު އަރައިފި އެވެ. މިޔާގެ ހާލު ހިލްމީ އަހާލީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާން އުޅުނު ޚާދިމު ކުއްޖާގެ ގާތުންނެވެ. ރަނގަޅެއް ނޫނޭ އޭނާ ބުނެލީ މާޔޫސީކަމާއެކު އެވެ. މިޔާއާމެދު އިޒީކިއަލް ކަންތައް ކުރާ ގޮތް އޭނާއަށް ވެސް ފެނެ އެވެ. އެ ދެމެދުގައި ޖެހިގެން އުޅެނީ ކޮންމައްސަލައެއް ކަމެއް އޭނާއަށް ވެސް ދެނެގަންނާކަށް ނޭނގެ އެވެ. ޚާދިމަކަށްވެ ހުރެ މިޔާއަށް ކޮށްދެވޭނެ ހުރިހާކަމެއް އޭނާ ކޮށްދެމުން އެދަނީ ވީ އެންމެ ރަނގަޅަކަށެވެ.

"މިދަނީ މިޔާއަށް ސައިދޭން." ނާސްތާ ތަބަށް ނަގަމުން ޚާދިމު ކުއްޖާ ބުންޏެވެ. އޭރު ކާމޭޒު ދޮށުގައި ސައިބޯން ހިލްމީ އިށީންނަނީ އެވެ. އޭނާ ހަމައެކަނި ބޯޖަހާލީ އެވެ.

މިޔާގެ ކޮޓަރިއަށް ވަދެ އެއްފަރާތުގައި ތަބަށް ބަހައްޓާލާފައި ޚާދިމު ކުއްޖާ އައިސް ކޮޓަރީގައި ހުރި ބޮޑު ކުޑަދޮރުގެ ފަރުދާތައް ކަހާލި އެވެ. އެއާއެކު ކޮޓަރިތެރެއަށް އަލިކަން ފެތުރިގެން ދިޔަ އެވެ. އޭނާ ދެން ބަލާލީ އެނދުގައި އޮތް މިޔާއަށެވެ. އެހެންޏާ ކޮޓަރިއަށް އޭނާ ވަންނައިރަށް މިޔާ ހޭލާނެ އެވެ. ނަމަވެސް މިޔާ ހީވަނީ އަދިވެސް ނިދާފައި އޮތީހެންނެވެ.

"މިޔާ... ސައިބޯން ތެދުވޭ. ސައިބޮއެގެން ފާޚާނާއަށް ވަންނާނީ." ޚާދިމު ކުއްޖާ ބުންޏެވެ. ނަމަވެސް މިޔާގެ އިޝާރާތެއް ނުވިއެވެ. އޭނާ ފަރުދާތައް އައްސާފައި އެނދު ކައިރިޔަށް އައެވެ.

"ސައިބޯލައިގެން އަލުން ނިދާލާނީ." އޯގާތެރިކަމާއެކު ޚާދިމު ކުއްޖާ ވާހަކަދެއްކި އެވެ.

ކައިރިން މިޔާ ފެނުމާއެކު އޭނާގެ ނޭވާލުމުގައި ތަފާތުކަމެއް ހުރިތަން ޚާދިމު ކުއްޖާއަށް ފާހަގަވި އެވެ. ބޮޑުވޭނެއް ތަޙައްމުލު ކުރާ ފަދަ އަސަރުތަކެއް މިޔާގެ މޫނުގައިވި އެވެ.

"މިޔާ... ކިހިނެއްވަނީ؟... މިޔާ... ލޯ ހުޅުވާލަ ބަލަ." ޚާދިމު ކުއްޖާ ނުހަނު ހާސްވި އެވެ. މިޔާގެ ކޯތާފަތުގައި އޭނާ މަޑުމަޑުން ޖަހާލި އެވެ. އޭނާ އިތުރަށް ކަންބޮޑުވި އެވެ. ދުވެފައި ކޮޓަރިން އޭނާ ނުކުތީ ހިލްމީއަށް ގޮވަމުންނެވެ.

(ނުނިމޭ)