ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ގާއިމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ތިން ވަނަ ގައުމީ ތެލެސީމިއާ ކޮންފަރެންސް ފާހަގަކުރުމަށް ޝީ ބިލްޑިންގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބް ރައީސް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް އެ ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސައިދީފައިވާތީ ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ހުސައިން ވިދާޅުވީ މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ނައިބް ރައީސް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއްދީ އެކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްވެސް ފަށާފައިވާ ކަމަށެވެ.
ރައީސްގެ ވައުދާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަން މިހާރު ފަށާފައިވާ ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ. އަދި ތެލަސީމިއާއަށް ފަރުވާ ހޯދާ ވީހާވެސް ގިނަ ކުދިންނާއި މީހުންނަށް މި ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
"ތެލަސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ވެސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައި،" ނައިބް ރައީސް ވިދާޅުވި އެވެ.
މިޖަލްސާގައި ނައިބް ރައީސް ވަނީ ތެލަސީމިއާ ކުދިންގެ ހިތްވަރަށް ސާބަސް ދެއްވާފަ އެވެ. އަދި ތެލަސީމިއާ ކުދިންނަށް މި ސަރުކާރުން ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުގެ ވުޒާރާތަކުން އެކި ގޮތްގޮތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.