މިހާރު ވެސް ތޮއްޖެހިފައި އޮތް ރަފާހްއަށް ޔަހޫދީން އެއްގަމު މަގުން ވަދެގަނެ ހަމަނުޖެހުން ހިންގުމަކީ އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއް ނޫން ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.
ބޮރެލް ވިދާޅުވީ އިޒުރޭލުން ޣައްޒާއަށް ވަދެގަތުމަކީ އެކަމުގައި ޔޫރަޕްގެ ސިޔާސަތެއް އޮތް ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ޔަހޫދީ ސިފައިން ރަފާހްއަށް ވަދެގެންފިނަމަ ފަލަސްތީންގެ ހާލަތު ވަރަށް ގޯސްވާނެ ކަމަށެވެ. ޣައްޒާ ދޫކޮށް ރަފާހްއަށް ވަދެ ތިބި މީހުންނަށް -- ރަފާހް ދޫކޮށް ދާނެ ތަނެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ޣައްޒާ ދޫކޮށް ރަފާހްއަށް ހިޖުރަކޮށްގެން 1.4 މިލިއަނަށް ވުރެ ގިނަ މީހުން ތިބި ކަމަށް ފާހަގަކުރައްވާ ބޮރެލް ވިދާޅުވީ އިޒުރޭލު ކަހަލަ ބާރުގަދަ އަސްކަރީ ބާރަކުން ރަފާހް ހަލާކުކޮށްލުމަކީ ޔޫރަޕުން ހިތާމަކުރާ ކަމެއް ކަމަށެވެ.
ހަމަލާތައް ހުއްޓާލައި ސިޔާސީ ގޮތުން ކޮންމެވެސް ހައްލެއް ހޯދުން ބުއްދިވެރި ކަމަށް ބޮރެލް ވިދާޅުވި އެވެ. އިޒުރޭލުން މިއަދު އަމަލުކުރަމުންދާ ގޮތަކުން އިޒުރޭލު ހިމާޔަތް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ލުބްނާނާއި ފަލަސްތީނާއި ސީރިއާ އަކީ ހަނގުރާމަވެރިން ގިނަ ސަރަހައްދެއް ކަމަށާއި އެ ހުރިހާ ގުރޫޕްތަކެއް އިޒުރޭލާ ދިމާކޮށްފިނަމަ ކުދި އަނިޔާކޮށް އަދި ފަހުން ބޮޑު ކަމަކަށް ބަދަލުވެގެން ދާނެ ކަމަށްވެސް ބޮރެލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒުރޭލަށް އޮތް އަމިއްލަ ގައުމާއި ނަފުސު ހިމާޔަތްކުރުމަކީ ދެން ތިބި މީހުންގެ ޒަމާން ދުއްވާލުން ނޫން ކަމަށެވެ.
އިޒުރޭލުން ސަލާމަތުން މެދުއިރުމަތީގައި އޮންނަން އެދޭނަމަ އޮތް ހަމަ އެކަނި ގޮތަކީ އަވައްޓެރިންނާ އެކު ގާތް ގުޅުމެއް އުފެއްދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބޮރެލް ވިދާޅުވީ އިޒުރޭލަށް މިހާރު ފަލަސްތީން އެނގެން ޖެހޭ ކަމަށާއި ޣައްޒާ ވަށައިގެން ބަންދުކޮށް ބާއްވައިގެންވެސް އުތުރިއެރުން މައިތިރި ކުރެވިފައި ނުވާ ކަމަށެވެ.
ބޮރެލް ވިދާޅުވި ގޮތުން އަސީރުން މިނިވަންކުރަން ހަމާސްއަށްވެސް ފިޔަވަޅު އެޅިދާނެ އެވެ. އާންމު ރައްޔިތުން މަރުވާ މިންވަރު ދަށްކުރުމަށް ހަމާސްއަށް ކުރެވެން އޮތް ކަމަކީ އަސީރުން ދޫކޮށްލައި އިޒުރޭލާ އެކު އެއްބަސްވުމަކަށް ދިއުން ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާއާއި ޔޫރަޕް އަދި މުޅި ދުނިޔެއިން އިޒުރޭލަށް ދޭ ނަސޭހަތާ އެކު ވެސް ޔަހޫދީން ތިބީ އަޑުއަހާ ގޮތަކަށް ނޫނެވެ. ޔަހޫދީން މިހާރު ވިސްނަނީ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައިވެސް ހަމަލާތައް ކުރިއަށް ގެެންދިއުމަށެވެ.