ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ސާފުކޮށްދީފައި ނުވާ އޮޅުވާލުންތައް ގިނަ ބަޔާނެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައި މިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް އެޕާޓީއަށް ލިބުނު ފުރުސަަތުގައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޔާނަށް ޖަވާބު ދެމުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭންޖެހޭ ބަޔާނަކަށްވީ ނަމަވެސް ގައުމުގެ ހާލަތު ސާފުކޮށް ބަޔާންކޮށްދިނުމުގެ ބަދަލުގައި ހާލަތު އޮޅުވާލާފައިވާ ކަމަށެވެ.
"ގައުމަށް ކުރިމަތިވެފައިވާ މުހިއްމު ކަންކަމަށް އެއްވެސް މިންވަރަކަށް [ރިޔާސީ ބަޔާނުގައި] އަލިއަަޅުއްވައިލައްވާފައި ނުވޭ،" އަލިފުށި ދާއިރާގެ މެންބަރު ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ އިގްތިސާދީ ހާލަތު ހާމަކުރިއިރު ދޮގު މައުލޫމާތުދީ އޮޅުވާލާފައިވާ ކަމަށާއި އެއީ މެންބަރު ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރައްވާ ކަމެެއް ކަމަށްވެސް ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުގައި އިގްތިސާދީ ހާލަތު ގޯސްވީ ކޮވިޑް 19 އާއި ޔުކްރޭން ހަނގުރާމައާ ކުރިމަތިވުމުން ކަމަށާއި އެކަމަކު އެ ހަގީގަތްތައް ސާފުކޮށްދިނުމުގެ ބަދަލުގައި ރައީސް ވަނީ "ސީޔާސީ ބޯޅަޖައްސަވަން" މަސައްކަތް ކުރައްވާފައި ކަމަށްވެސް ވިދާޅުވި އެވެ.
ރަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި ހުރީ ވަރަށް މަތީގައި ކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާއިރު ދަރަނި އަދާކުރަން ސަރުކާރުން ވިސްނާފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރަންޖެހޭނެ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި 2025 އަދި 2026 ވަނަ އަހަރު ދައުލަތުގެ ދަރަނި ދައްކަން ނިންމާފައިވާ ގޮތުގެ ޕްލޭނެއް އެކުލަވާލާ މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ސްޓްރެޓެޖީ ޝާއިއުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް މި ޕްލޭނާ ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"ދަރަނި އަދާކުރާނެ ގޮތުގެ ސީރިއަސް ޕެލޭނެއް އޮތްކަންވެސް ފާހަގަނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ނިންމަވާލެއްވުމަކީ ޒިންމާދާރުކަން ކުޑަ [އަމަލެއް]،" ރަަޝީދު ވިދާޅުވި އެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގައުމީ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް ފާހަގަކުރައްވާ ރަޝީދު ވިދާޅުވީ މިައްސަލައަށް އެކަށީގެންވާ ގޮތަކަށް ރައީސްގެ ރިޔާސީ ބަޔާނުގައި ބަލާލެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑު މި ރިޔާސީ ބަޔާން އަޑުއަހާފައި އެންމެ ކަންބޮޑުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ރައީސް ވިދާޅުނުވީމާ،" ރަޝީދު ވިދާޅުވި އެވެ.