ދުނިޔެ

ޔުކްރޭން ނޭޓޯއަށް ވައްދައިފިނަމަ ފެށޭނީ ތިންވަނަ ބޮޑު ހަނގުރާމަ: އިޓަލީ

ޔުކްރޭނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ދިނުމަށް ހުޅަނގުން އެޖެންޑާކޮށްފައި އޮންނަތާ ޒަމާންތަކެއް ވެއްޖެ އެވެ. ހުޅަނގަށް ގަބޫލުކުރެވޭ ގޮތުގައި ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދޭންޖެހެ އެވެ.

ހުޅަނގުގެ މި ވިސްނުމާ ހެދި ދުނިޔެއަށް އައި ބަދަލަކީ، ރަޝިއާއާއި ޔުކްރޭނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށުމެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަންނަން ޖެހުނީ ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަށް ހުޅަނގުން މަސައްކަތް ފަށައިގަތުމުންނެވެ.

ރަޝިއާ ބުނި ގޮތުން ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ރަޝިއާގެ ގައުމީ ސަލާމަތައް ނުރައްކާވާނެ ކަމެކެވެ.

ރަޝިއާގެ އެދުމަކަށްވީ ޔުކްރޭނަކީ ވަކިކޮޅަކަށް ބުރަ ނުވާ -- ޔޫރަޕަށް ކަމުކިޔައި އަދި ރަޝިއާއަށް ކަމުކިޔާ އަވައްޓެރި އެކުވެރި ގައުމެއް ގޮތުގައި ބޭއްވުމެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އިޓަލީގެ ހާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖާނީ ވިދާޅުވި ގޮތުގައި ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ތިންވަނަ ބޮޑު ހަނގުރާމަ ފަށަން ވެވޭ އެއްބަސްވުމެއް ކަމަށެވެ.

ވަޒީރު އަދި ވިދާޅުުވީ ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދީފިނަމަ ޔޫރަޕްގެ ހުރިހާ ގައުމަކަށް ރަޝިއާ ހަމަލާދޭނެ ކަމަށެވެ.

އެންޓޯނިއޯ ޓަޖާނީ ވިދާޅުވި ގޮތުން މުހިންމީ ޔުކްރޭން ޔޫރަޕަށް ވައްދައި ނޭޓޯ މެމްބަރުކަން ދިނުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުން އެންމެ މުހިންމު ކަމަށް އޮތީ ނޭޓޯއިން ކުރާ ކަމެއްގެ ސަބަބުން އެ ޖަމާއަތުގެ މެމްބަރު ގައުމުތަކަށް ކޮށްފާނެެ އަސަރު ދެނެގަތުމެވެ.

ރަޝިއާއާއި މާގާތަށް ނޭޓޯ ޖެހިއްޖެނަމަ އެއީ އެ ގައުމަށް އޮތް ސަލާމަތީ ނުރައްކަލެއް ކަމަށް ބުނާއިރު އެފަދަ ކަމެއް ކުރުމުން ދެން ކަންތައްތައް ބަދަލުވެގެން ހިނގައިދާނެ ގޮތްތަކާ މެދު ވިސްނަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ނޭޓޯ މެމްބަރުކަން ދީފިނަމަ -- ޔުކްރޭނަށް ކުރިމަތިވާ ނުރައްކާތެރި ހާލަތްތަކުން އެ ގައުމު ސަލާމަތްކުރުމަށް -- ނޭޓޯގެ ހުރިހާ މެމްބަރުން ނުކުންނަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އޭގެ މާނަ އަކީ ރަޝިއާއަށް ހަމަލާދިނުމަށް ނޭޓޯ ގައުމުތަކުން ނިކުތުން ކަމަށް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ އަކީ ނިއުކްލިއާ ބާރަކަށް ވެފައި، ރަޝިއާ ދީފާނެ ހަމަލާއަކުން ދިފާއުވުމަކީ ވެސް ނޭޓޯގެ މެމްބަރު ކޮންމެ ގައުމަކަށް ލާޒިމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.